ޚަބަރު

ހޯމަ ދުވަހުގެރޭ ބޮކިތަކުން މުޅި ރާއްޖެ ދިއްލާލަނީ

ފައިނާ ފާއިޒް ، ދެން އޮންލައިން
ފިތުރު އީދަށް ތައްޔާރުވުމަށް ހަރުކުރެވޭ ލައިޓުތައް

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން އީދަށް ހާއްސަކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތައް ކުލަތަކުން ދިއްލާމުގެ ފަހު ތައްޔާރީތައް އަންނަ ހޯމަ ދުވަހަށް ނިމިގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

Ads by MWSC

ނިމިދިޔަ އަހަރެކޭވެސް އެއްފަދައިން މާލެ ސަރަހައްދުގައި އީދުގެ ތަހުނިޔާ އަރިސްކުރުމަށް އެކި ކުލަ ކުލައިގެ އިސްލާމީ ވަންތަކަން ދައްކުވައިދޭ ލައިޓުތައް ވަނީ ހަރުކޮށްފައިއެވެ. އަދި މުޅި މާލެ ސަރަހައްދުން ވަނީ ތަކުބީރުގެ އަޑު އިއްވާފައިއެވެ.

އެގޮތުން މި އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށްވެސް ހަމަ އެފަދައިން ރާއްޖޭގެ ސިޓީތަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށްރަށުގައި މިފަދަ އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓުތައް ހަރުކުރެވިގެން ދާނެ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާމެންޓު އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މި އަހަރުވެސް މިފަދައިން ރާއްޖެ އީދަށް ޒީނަތްތެރިކުރުމަށް ބޭނުންވާ ތަކެތި ރަށްރަށަށް ދަނީ ފޯރުކުރަމުން ކަމަށެވެ.

މި ލައިޓުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އަންނަ ހޯމަ ދުވަހުގެ ރޭ މި ބޮކިތައް ދިއްލާ ރާއްޖޭގެ ސިޓީ ތަކާއި ކޮންމެ އަތޮޅެއްގައި ވެރިކަން ކުރާ ރަށުން ތަކުބީރުގެ އަޑު އިއްވުން ކުރިއަށް ދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ފިތުރު އީދަށް ތައްޔާރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ޖުމްހޫރީ މައިޒާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތް ކުރެވި އީދު ދުވަހު އެތަން އާންމު ރައްޔިތުންނަށް ހުޅުވާލުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް ވިދާޅުވެފައިއެވެ.

Ads by HDC
  1. ޒާލިމް

    ދިއްލަން އެއްޗެހި ފޮނުވީ އާބާދީ ބޮޑެތި ރަށްށާއި ވެރިކަން ކުރާ ރަށް ތަކަށް. އާބާދީ ކުދި ރަށް ތަކުގައި އުޅޭނީ ދިވެހިންނެއްނޫން. ވޯޓަށްވީމަ ދިވެހިންނަށް ވާ ބަޔެއް އާބާދީ ކުދި ރަށް ތަކުގައި ދިރިއުޅޭނީ