ޚަބަރު

މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ، ހަވާ އެރުވުންވެސް އޮންނާނެ!

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އީދު ފާހަގަކުރުމަށް ކުޅުނު ކުޅިވަރެއްގެ ތެރެއިން

ހަވާއެރުވުމާއެކު މާލޭގައި ކުލަ ގަދަކޮށް ފިތުރު އީދު ފާހަގަކުރަން މާލޭ ސިޓީ ކައުންސިލުން ގިނަ ހަރަކާތްތަކެއް ރާވައިފިއެވެ.

Ads by Sosun Fihaara

ކަލަންޑަރުގައިވާ ގޮތުން ކުޑަ އީދު ދުވަހަކީ މި ހަފްތާގެ ބުދަ ދުވަހެވެ.

މި ފަހަރު އީދު ފާހަގަކުރަން ކައުންސިލުން ނިންމާފައިވަނީ "މަގޭ އީދު" ގެ ނަމުގައެވެ. އަދި އީދު ފޯރިގަދަ ކުރުމަށް ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި 'ސާދަ އެންޓަޓެއިންމަންޓް' އާ ގުޅިގެންނެވެ.

ކައުންސިލުން ބުނީ، އެކުވެނި ޓްރެކްގައި އީދު ސަޔާއެކު ކުޑަކުދިންނަށް ހަދިޔާ ބެހުން އޮންނާނެ ކަމަށެވެ. ހެނދުނު 9:30 ގައި ރަސްފަންނު ސަރަހައްދުގައި ކުލަ ޖެހުމުގެ ހަރަކާތެއް ވެސް ބޭއްވުމަށް ވަނީ ތާވަލް ކުރެވިފައެވެ. އަދި ބޮޑުމަހާއި މާލި ޕެރޭޑެއް ވެސް ހަވީރު 4:00 ގައި އޮންނާނެއެވެ. މި ހަރަކާތް ފަށާނީ މަޖީދީ މަގުން އޮލިމްޕަސް ކުރިމަތިންނެވެ.

އަދި ސިޓީ ކަންމަތި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ފްރީ ޑައިވް މޯލްޑިވްސްއިން ގުޅިގެން ކުރިއަށްގެންދާ ސަގާފީ ހިނގުމާއި ކުޅިވަރު 4:30 އިން ފެށިގެން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް އޮންނާނެއެވެ. މި ސަގާފީ ކުޅިވަރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު މަދަރުސާ ކުރިމަތިންނެވެ. އަދި މަޖީދީމަގާއި އިއްޒުއްދީން މަގާއި ގުޅޭ ކަންމަތީގައި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މި ހަރަކާތް ނިންމާލަން ހަމަޖެހިފައިވަނީ އިއްޒުއްދީން މަގުން ދެކުނަށް ގޮސް ސަބުދެލި މަގާއި އިއްޒުއްދީން މަގާއި ގުޅޭ ކަންމަތީގައި ކުޅިވަރު ކުޅުމަށް ފަހުއެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭގަނޑު 8:30 ގައި ހާއްސަ ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޝޯއަށް ފަހު 10:30 ގައި އެ ސަރަހައްދުގައި ހަވާވެސް އަރުވާނެއެވެ.

މާލޭގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ނިންމިއިރު، ސަރުކާރުން ވަނީ ކުޑަ އީދު ފާހަގަކުރުމަށް މުޅި ރާއްޖެ ގިޑިގެތަކުން ދިއްލާލަން ވެސް ނިންމާފައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހޯމަ ދުވަހުގެ ރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!