ޢީދު ދުވަހު އެންމެ އިސްކަންދޭން ޖެހޭ އެއް ކަމަކީ އިޖްތިމާޢީ ގުޅުން ވަރުގަދަކުރުން: ޢީދު ހުތުބާ

ޢީދު ދުވަހު އެންމެ އިސްކަންދޭން ޖެހޭ އެއް ކަމަކީ އިޖްތިމާޢީ ގުޅުން ވަރުގަދަކުރުން ކަމަށް ޢީދު ހުތުބާގައި ބުނެފިއެެވެ.
ހުތުބާގައި ބުނީ ހެޔޮކަންކަން ކުރުމަށް ނަފްސު އާދަވެ، އެކަން މިވަނީ ފަސޭހަވެފައި ކަމަށާއި އަހަރެމެންގެ މި އީމާންކަން، މިގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ގިނަގިނައިން ސުންނަތް ނަމާދުކުރާ ބަޔަކަށް ވުމަށާއި ފަތިސްނަމާދުގެ އިހު ސުންނަތާއި، ޟުޙާ ނަމާދާއި، ރަވާތިބު ސުންނަތްތަކާއި، ވިތުރިއާއި، ދަމު ނަމާދު, ވީހާ ގިނައިން ކުރެވޭތޯ މަސައްކަތްކުރުމަށް ހުތުބާގައި ގޮވާލެއްވިއެވެ.
ހުތުބާގައި ބުނީ ހޯމަ ބުރާސްފަތީގެ ރޯދަ އާއި، މެދުފޮއި ރޯދަ އާއި، އާޝޫރާ ދުވަހާއި ޢަރަފާތު ދުވަހު ރޯދަ ހިފުމަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ. އަދި ފިތުރު ޒަކާތަށް ރައްކާތެރިވީ ފަދައިން، މުދަލު ޒަކާތަށް ރައްކާތެރިވުމަށާއި ގިނަގިނައިން ސަދަގާތްދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅެންޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި އެކަކު އަނެކަކާއި ބައްދަލުވާހިނދު ސަލާންކޮށް، ހަދިޔާ ބަދަލު ކުރުމާއި ކުޅިވަރާއި އުފާފާޅުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަސްތީނުގެ އަޚުންނާއި އުޚުތުން މަތިން ހަނދާން ނައްތާނުލުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ކަންކަމުން އިބްރަތް ހާސިލް ކުރަން ޖެހޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.