މި ފަސް އަހަރު ނިމޭއިރު ހައްދުންމަތި އޮންނާނީ ތަރައްގީގެ އެންމެ އުހުގައި: އަބްދުއްރަހީމް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު, ހައްދުންމަތި އޮންނާނީ ދިވެހިން ރާއްޖޭގެ ތަރައްގީގެ އެންމެ އުހުގައި ކަމަށް އެމަނިކުފާނުގެ އިސްމުޝީރު އަބްދުއްރަހީމް އަބްދުالله މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަބްދުއްރަހީމްގެ އުފަން ރަށް ފޮނަދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން މިރޭ ވިދާޅުވީ, މި ވެރިކަމުގައި ހައްދުންމަތީގެ ތަރައްގީއާ މެދު އޭނާގެ ހިތުގައި އެއްވެސް ސުވާލެއް އަދި ޝައްކެއް ވެސް ނެތް ކަމަށެވެ.
ރާއްޖޭގައި އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓު އޮތީ އެ އަތޮޅު ކައްދޫގައިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ, ކައްދޫ އެއާޕޯޓު މިއަދާ ހަމައަށް ވެސް އޮތީ އެ ތަން ހުޅުވިއިރު އޮތް ގޮތަށް އެއްވެސް ތަރައްގީއެއް ނުގެނެވި ކަމަށެވެ.
މިހާތަނަށް އައި ހުރިހާ ވެރިކަމެއްގައި ވެސް ކައްދޫ އެއާޕޯޓަށް އޮތީ އަޅާ ނުލާ ދޫކޮށްލާފައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ, އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ބަދަލުކުރައްވާނެ ކަމަށެވެ.
އޭނާ އިޝާރާތް ކުރެއްވީ މިރޭ ސޮއިކުރެވުނު ކައްދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށެވެ.
"ކައްދޫ އެއާޕޯޓަށް މިހާތަނަށް އައި ތަރައްގީއެއް ކުރިއެރުމެއް ނެތް. އެ ތާރީހު ބަދަލުކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު," އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ, މާދަމާގެ ލޮލުން ބަލާއިރު, ހައްދުންމަތި މުޅި އަތޮޅު ފެންނަނީ މުޅި ރާއްޖޭގެ ތަރައްގީގައި ވެސް އުހުގައިވާ މަންޒަރު ކަމަށެވެ.
"ހައްދުންމަތި އޮންނާނީ ދިވެހީންގެރާއްޖޭގެ ތަރައްގީގެ އެންމެ އުހުގައި, މުޅި ހައްދުންމައްޗަށް އެކީގައި ތަރައްގީ ގެންނަން މި މަސައްކަތް ކުރެވޭނެ." އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ތަރައްގީ ހާސިލްކުރެވޭނީ ރައްޔިތުން އެކަން ބޭނުންވެގެން ކަމަށާއި ރައީސަށް އެ މަގުފަހިކޮށްދޭން ލ. އަތޮޅުގެ ހަތަރު މަޖިލިސް ދާއިރާއަށް ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށެވެ.
އޭރުން ރައްޔިތުން އެދޭ އަދި ދެކޭ މިންވަރަށް ހައްދުންމަތި ތަރައްގީކޮށް, މިހާރު ބުނަން ނޭނގޭހާ ވެސް ފައިދާވާ ގޮތަށް މުޅި ހައްދުންމައްޗަށް މަންފާ ގެނެސްދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ގާދޫ ޕޯޓު މަޝްރޫއު އަލި އަޅުއްވާލައްވައި އަބްދުއްރަހީމް ވަނީ މިފަދަ އިންގިލާބީ ބަދަލުތައް މި އަތޮޅަށް ގެންނަވަން ނިންމެވީތީ ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ.
"އަތޮޅުތަކުގެ ތެރެއިން އެންމެ ފުރުސަތު ބޮޑު އަތޮޅު ކަމަށް ގަބޫލުކުރައްވާ އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މިފަދަ ޕްރޮޖެކްޓުތަކެއް ފައްޓަވައިދެއްވާތީ މަރުހަބާ ދަންނަވައި ޝުކުރު އަދާކުރައްވަން," އޭނާ ވިދާޅުވިއެވެ.
ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އޭނާ ވިދާޅުވީ, އިދިކޮޅުން ދައްކަމުން އަންނަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި އެކަންކަން އަމަލުން ދައްކަވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަން ދަމަހައްޓަން އޭނާ އަބަދުވެސް ސާބިތުވެ ހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
"މަނިކުފާނުގެ ވެރިކަން ދެމެހެއްޓުމަށް އެކަކު ސާބިތުވެ ހުރިއްޔާ އެއީ އަޅުގަނޑު. މުޅި ހައްދުންމަތި އޮތީ އެގޮތުގައި." އަބްދުއްރަހީމް ވިދާޅުވިއެވެ.