ޚަބަރު

އަޅުގަނޑު ބޮލުގައި ދޮގު އަޅުވަން އުޅެ އުޅެ، އެކަމަކު ނޭޅުވޭ: ރައީސް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސް މުއިއްޒު؛ އިދިކޮޅުން ދޮގު ވާހަކަ ފަތުރާ ކަމަށް ވިދާޅުވި/ ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކުން އެކި ފަހަރު މަތިން އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތައް އަޅުވައި، އަބުރު ކަތިލަން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އެކަން ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.

Ads by MWSC

ރައީސް އެހެން ވިދާޅުވީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު އޮންނަ މަޖިލީސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމްގެ ޓިކެޓުގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕޭނު ބައްދަލުވުމުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ގައުމަށް ހަމަޖެހުން ގެނައުމުގެ އިތުރަށް ތަަރައްގީ އާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރައްވާތީވެ، އިދިކޮޅު ފަރާތްތަކުން ގެންދަނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވަމުން ކަމަށެވެ.

''ދެން މިކަންތައް އަޅުގަނޑުމެން ކުރާނެކަން އެނގޭތީ (ވައުދުތައް)، އެކި ކަހަލަ ވާހަކަ ދައްކަމުން އެދަނީ. އެކި ކަހަލަ ދޮގު ހަދަމުންދަނީ. ދެން އަޅުގަނޑު ބޮލުގައި ދޮގު އަޅުވަން އުޅެ އުޅެ، އެޅުވޭ ގޮތެއް ނުވޭ'' ވިދާޅުވިއެވެ.

އެމަނިކުފާނަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ވެ ވަޑައިގެންނެވި ވައުދު ފުއްދަވާނެ ބޭފުޅެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކަނޑައެޅި ގިނަ ވައުދުތަކެއް ފުއްދާފައިވާ ކަމަށާއި، ދެން ހުރި ކަންކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ތުހުމަތުކޮށް އަދި މައްްސަލަ ބަލާފައިވާ ކަމަށާއި، ނަމަވެސް އެއިން އެއްވެސް މައްސަލައެއް ސާބިތުނުވާ ކަމަށެވެ.

"މިއިން އެއްވެސް ކަމެއް ވޯކް ނުކުރީމަ، ދެން އެމީހުންގެ ޔޫޝުއަލް ޓެކްޓިކްސްއަށް. މީގެ ކުރީގެ މޭޔަރ އިންތިހާބުގައި ވެސް ފަހު ވަގުތު ގޮތް ހުސްވީމަ އަޅުގަނޑުގެ އަބުރު ކަތިލަން ފެށީ. މާލޭގެ ރައްޔިތުން އެކަން ގަބޫލެއް ނުކުރި. އަޅުގަނޑު ގެންގޮސް އެކި ކަހަލަ މައްސަލަތަކުގައި ސުވާލުކޮށް، ޝަރީއަތްކޮށް، ކަންކަން ކުރިއެއްނުންތޯ. ޝަރީއަތް ވެސް ކުރި. އެއިން އެއްވެސް ކަމެއް ސާބިތެއް ނުވޭ،"

މޭޔަރު އިންތިހާބުގައި އާއި ރިޔާސީ އިންތިހާބުގައި ވެސް އަގު ވައްޓާލަން އެކި ކަހަލަ ތުހުމަތުކޮށް، ރޯ ބުހުތާނު ދޮގު ވާހަކަތައް ފެތުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މައްސަލަތައް އޭސީސީންނާއި، އެހެނިހެން އިދާރާތަކުން ބެލި ކަމަށާއި، އެ ދައްކާ އެއްވެސް ވާހަކައަކީ ހަގީގަތެއް ނޫންކަން ރައްޔިތުންނަށް ފެންނާނެ ކަމަށް ވިދާޅުވިއެވެ.

އަދި މިހާރުވެސް ދައްކަމުން އެދަނީ ހަމަ އެއް ވާހަކައެއް ކަމަށާއި، މިއީ އާ ވާހަކައެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅުނަސް، ކުރީގައި ވެސް ނުވި ކަމެއް ދެނެއް ވެސް ނުވާނެ. އުޑުގައި ޖެހިފައި، ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމަ ކުއްޔަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، ރޯ ހައުސް ބައްލަވައިގަތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އޭރު އަޑު ފެތުރުނުވެ. މިކަމާއި ގުޅުވައި މިރޭ ރައީސް ވިދާޅުވީ، އެ ރޯ ހައުސް ބޭރު ބަޔަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެކަމާއި ގުޅުންހުރި ޑްރާފްޓް ރިޕޯޓެއް ސިޔާސީ ބޭނުމަށް އިދިކޮޅު ފަރާތްތަކުން ގެންގުޅުނު ކަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!