ޚަބަރު

އިންތިހާބަށް ފުލުހުންގެ އެލާޓް ލެވެލް އެންމެ މަތިކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ފުލުހުންތަކެއް؛ އެލާޓް ލެވެލް ވަނީ އެންމެ މަތިކޮށްފައި

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފުލުހުންގެ އެލާޓް ލެވެލް އެންމެ މަތިކޮށްފިއެވެ.

Ads by Sosun Fihaara

މިރޭ އިލެކްޝަން ކޮމިޝަން (އީސީ) އާ ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކޮމާންޑަރު އަބްދުﷲ ޝަރީފް ވިދާޅުވީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ވާންޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށެވެ. އަދި އެލާޓް ލެވެލްވެސް މަތިކޮށްފައިވާ ކަމަށެވެ

''19 އެޕްރީލް ގައި ފުލުހުންގެ އެލާޓް ލެވެލް ވަނީ އެންމެ މަތީ ދަރަޖައަށް ބަދަލުކުރެވިފައި'' ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސެކިއުރިޓީ ބަލަހައްޓަން ރަށްރަށާއި، ރިސޯޓުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނަށް ފުލުހުން ގޮސް ނިމިފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ސެކިއުރިޓީ ބަލަހައްޓަން އިތުރު 322 ފުލުހުންނާއި މާލޭގެ ވޯޓު ފޮށިތައް ހުންނަ ސަރަހައްދުތައް ބަލަހައްޓަން 266 ފުލުހުން އިތުރުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ އެލާޓް ސްޓޭޓަސް ބަދަލުވި ހިސާބުން ފެށިގެން މުޅި މުއައްސަސާ ވަނީ މިކަމަށް ތައްޔާރުވުމަށްޓަކައި، އަޅުގަނޑުމެންގެ ހުރިހާ ބަހާތަކެއް މިކަމަށް ތައްޔާރުވެފައި. އިންތިހާބު ކުރިއަށްދާއިރު އެމްއެންޑީއެފްގެ ހިދުމަތަށް އަޅުގަނޑުމެން އެދެން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެ ފަރާތުންވެސް ވަނީ ތައްޔާރީ ހާލަތަށް އާދެވިފައި'' ވިދާޅުވިއެވެ.

ވޯޓުލާ ވަގުތު މަގުމަތީގެ ޓްރެފިކް އަށް ބާރުބޮޑުވާނެތީ ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަން ޝަރީފް އެދިވަޑައިގެންނެވިއެވެ. ވޯޓުލާ ވަގުތު މާލޭގައި ބަރު އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ. ވޯޓުލާ މަރުކަޒުގައި ޓެންޓް ޖެހުމާއި ގޮނޑި ބެހެއްޓުން މަނާވާނެއެވެ. ޝަރީފް ވިދާޅުވީ ވޯޓުލާ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރާނެ ކަމަށެެވެ.

''އަޅުގަނޑުމެން ބޭނުންކުރާނަން ބޮޑީވޯން ކެމެރާ، ކެމެރާ ބޭނުންކުރަނީ އެ މަރުކަޒުތަކުގައި ހިނގާ ކަންތައްތައް ވަގުތުން އަޅުގަނޑުމެންގެ ކޮމާންޑު ސެންޓަރަށް ފެންނާނެ ގޮތަށް އެކަން ހަމަޖެހިފައިވާނީ'' ޝަރީފް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!