އަދާލަތަށް މިފަހަރު ވެސް ސުމެއް، ޕާޓީގެ ރައީސަށް ވެސް ނާކާމިޔާބީ!

މިިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުކުރެވިއްޖެކަން ނަތިއްޖާތަކުން ދައްކައިފިއެވެ.
މި އިންތިހާބުގައި އަދާލަތުގެ ޓިކެޓުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ރައީސް އަދީ ކުރީގެ ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.
އިމްރާން ވާދަކުރެއްވި މަކުނުދޫ ދާއިރާއަށެވެ. ނަތިއްޖާ ދައްކާ ގޮތުން މަކުނުދޫގެ ގޮނޑިކާމިޔާބު ކުރީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރީ އާދަމް ޝަފީގްއެވެ.
19 ވަނަ މަޖިލީހަށްވެސް އަދާލަތުގެ ޓިކެޓުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކު އިންތިހާބުވެފައެއް ނުވެއެވެ. މިއަދުގެ އިންތިހާބުގައި ކުރި ހޯދާފައިވަނީ ސަރުކާރު ތަމްސީލުކުރާ ޕީއެންސީ/ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންނެވެ.