ޚަބަރު

އަބްދުއްރަހީމްގެ ހިސާބު އަނެއްކާވެސް ދިމާވެއްޖެ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ

މަޖިލީސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިން 70 އަށްވުރެ ގިނަ ގޮނޑި ނަގާނެ ކަމަށް ރައީސް ޑރ މުހައްމަދުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އަދަދު ދިމާވެފައިވާކަން ހާމަވެއްޖެއެވެ.

Ads by STELCO

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ''މިހާރު'' ނޫހަށް ދެއްވި އިންޓަވިއުއެއްގައި، މަޖިލީސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިން ނަގާނީ ކިހާ އަދަދެއްގެ ގޮނޑިތޯ ނޫސްވެރިޔާ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އޭރު ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރު ކޯލިޝަނުން ކުރިމަތިލާ 93 ދާއިރާގެ ތެރެއިން 70 އަށް ވުރެ ދާއިރާ ޕީޕީއެމް/ޕީއެންސީން ނަގާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

''އެ ގޮތަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ފޮނަދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އެ ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވެފައިވާއިރު، މިހާތަނަށް ލިބިފައިވާ ނަތިއްޖާ ދައްކާ ގޮތުން ޕީއެންސީ/ޕީޕީއެމް އިން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ ސީދާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންނެވެ. ނަމަވެސް ސަރުކާރަށް ނުވަތަ ރައީސް މުއިއްޒުއަށް ތާއިދުކުރާ ކެންޑިޑޭޓުންނާއެކު އެ އަދަދު އުޅެނީ 70 އިން މަތީގައެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރެއްވިޔަސް ސަރުކާރަށް ތާއިދުކުރާ މެންބަރުން ހިމެނެއެވެ. އެއާއި އެކު ސަރުކާރުން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.

Ads by Allied Insurance
  1. މިރާއްޖޭގައި މިއޮތީ ބަރުލަމާނީ ނިޒާމެއްތޯ؟ ކޮންމެ ރައީސަކު މަޖިލިސްގެ އަޅުލަބިއްޔަތު ހޯދަން ބޭނުންވޭ، އަސްލު ރައީސު ހޮވަނީ ރައީސުގެ ނަމުގައި ބޮޑުވަޒީރަކުތޯ ؟

    • ގަމު މީހާ

      އަބަދުވެސް ފެނިގެންދަނީ އިދިކޮޅު ފަރާތްތަކުން އޭއިރެއްގައި އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ޖެއްސުންކޮށް ސަރުކާރުން ހިންގަން ވައުދުވެފައިވާ ޕުރޮޖެކްޓުތައް ވިޔަނުދިނުމަށް ހުރަސް އަޅަމުންދާ މަންޒަރު، ރައްޔިތުން އެދޭ ތަރައްގީއާއި ގައުމުގެ ހަމަޖެހުމާއި އަމާންކަމަށްވުރެ ޕާޓީގެ ކުރިއެރުމާއި ވެރިކަމަށް އޮންނަ ދަހިވެތިކަން އިންތިހާއަށް ބޮޑުވެ އަމިއްލަ އެދުމުން ފުރިގެންވާ މަންޒަރު… މީތޯ ޑިމަކްރަސީ؟؟ މީތޯ ރިޔާސީ ނިޒާމެއްގައި އިދިކޮޅުގެ ޒިންމާއަކީ ؟؟ ޖަވާބުދާރީ ކުރިވާ މަންޒަރެއް ދުށިންތޯ؟؟