ޚަބަރު

މޯލްޑިވްސް ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫނަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން

ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި، އަބްދުﷲ މައުމޫނު (ގޭސް މާނު) މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފިއެވެ.

Ads by STELCO

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރެނު ބަޔާނެއްގައި ބުނީ، މައުމޫނުގެ މައްޗަށް ދައުވާކުރަން މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަބްދުﷲ މައުމޫނުގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާ އުފުލާފައިވާއިރު، އެއިން ކޮންމެ ކުށެއްގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ދައުވާ އުފުލާފައިވަނީ މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ތްރީޑީއެޗް އިންޓަނޭޝަނަލަށް ހަވާލުކުރުމަށް ފަހު އެ ކުންފުނިން އެކި ދުވަސް އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އަދި އާއިލާ މީހުނަށް ފައިސާ ޖަމާކޮށްފައިވާ ހަތް މުއާމަލާތަކަށެވެ.

ފުރަތަމަ ދައުވާގައިވާ ގޮތުން އެންމެ ފުރަތަމަ މުއާމަލާތް ހިންގާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. ޕީޖީން އާންމުކުރި ބަޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުން އެ ދުވަހު މައުމޫންގެ ބީއެމްއެލް އެކައުންޓަށް 29،941.50 އެމެރިކާ ޑޮލަރު ޖަމާކުރިއެވެ.

ދެވަނަ ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުން ދެވަނަ މުއާމަލާތް ހިންގާފައިވަނީ ހަމަ 2016 ވަނަ އަހަރުއެވެ. އެ މުއާމަލާތް ހިންގީ އެ އަހަރުގެ ޖޫން މަހުއެވެ. ޕީޖީން ތުހުމަތުކޮށްފައިވާ ގޮތުގައި މައުމޫނުގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. އަދި މައުމޫނާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވެއެވެ.

ތިންވަނަ ދައުވާގައި ތުހުމަތުކޮށްފައިވާ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު މައުމޫންއާ ގުޅުންހުރި ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 49،949.50 ޑޮލަރު ޖަމާކޮށްފައިވެއެވެ.

ހަތަރުވަނަ ދައުވާގައި ތުހުމަތުކުރާ ގޮތުން މުއާމަލާތް ހިންގާފައިވަނީ 09 އޭޕްރީލް 2017 ގައެވެ. މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ، އައި ޑިވެލޮޕާޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ ކަަމަށް ޕީޖީން ތުހުމަތު ކުރެއެވެ.

ފަސް ވަނަ ދައުވާގައިވާ ގޮތުންނަމަ މުއާމަލާތް ހިނގީ 31 މޭ 2017 ގައެވެ. މައުމޫންގެ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓަރނޭޝަނަލްއިން 46،555 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުންޏެވެ.

ހަވަނަ ދައުވާގައި ބުނާ ގޮތުން ހަ ވަަނަ މުއާމަލާތެއް ހިންގީ 23 އޮގަސްޓު 2017 ގައެވެ. އެ ދުވަހު މައުމޫންއ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓަނޭޝަނަލްއިން 49،955 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ތުހުމަތު ކުރެއެވެ.

ޕީޖީން މައުމޫނަށް ކުރާ ހަތް ވަނަ ދައުވާގައިވާ ގޮތުން ހަތް ވަނަ މުއާމަލާތެއްް ހިންގާފައިވަނީ 8 އޮކްޓޫބަރު 2017 ގައެވެ. ޕީޖީން ތުހުމަތުކުރާ ގޮތުން އަބްދުﷲ މައުމޫންގެ އެއްބަފާ ބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަހްމަދު ހަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް، ތްރީޑީއެޗް އިންޓަނޭޝަނަލްއިން 34،950 ޑޮލަރު ޖަމާކޮށްފައިވެއެވެ.

އެ މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ތުހުމަތުކުރެއެވެ.

އެހެންވެ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ އަބްދުﷲ މައުމޫން ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ނެރެން ފުލުހުންގެ ހިދުމަތުގައި ޕީޖީން ވަނީ އެދިފައެވެ.

އެފަދަ އަމުރެއް ނެރެދެވެން ނެތް ހާލަތުގައި އިންޓަޕޯލް މެދުވެރިކޮށް، މައުމޫން ރާއްޖެއަށް ގެނައުމަށް ޕީޖީން ފުލުސްގައި އެދިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!