ވޯލްޑް ޓްރެވަލްސް އެވޯޑްސްގައި ރާއްޖެއަށް ޝަރަފުވެރި 4 އެވޯޑެއް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން މިއަދު ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ) އިން، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި ދިވެހިރާއްޖެ ޝަރަފުވެރި 4 ކެޓަގަރީއަކުން އެވޯޑް ހާޞިލުކޮށްފިއެވެ.
މިއަހަރު އެވޯޑް ލިބުނު 4 ކެޓަގަރީތަކަކީ:
1. އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024
2. އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024
3. އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024
4. އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024
1993 ވަނަ އަހަރު އުފެދިގެން އައި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަޤްސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމެވެ.
މިއަދުގެ ވަގުތެއްގައި އޭޓީއެމް 2024 ގެ ވޯލްޑް ޓްރެވަލް އެވޯޑްސް ވިނާސް ހަބްގައި ބޭއްވި މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ އިއްޒަތްތެރި ފަރާތްތަކުންނެވެ. އެގޮތުން، މިނިސްޓަރ އޮފް ޓޫރިޒަމް، އަލްފާޟިލް އިބްރާހީމް ފައިޞަލް "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024" ގެ އެވޯޑާއި ހަވާލުވެލައްވާފައިވާއިރު، "އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024" ގެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލައްވާފައިވަނީ އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އަލްފާޟިލާ އައިޝާ ނޫރައިން ޖަނާޙެވެ. އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އަލްފާޟިލާ ފާޠިމަތު ތައުފީޤް, ބައްލަވައިގަނެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024" ގެ އެވޯޑެވެ. މީގެއިތުރުން، "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024" ގެ އެވޯޑްއާއި ހަވާލުވެލެއްވީ ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު އަލްފާޟިލް މުހައްމަދު ޚަލީލްއެވެ.
މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، އަދި، އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި ކުރަމުންގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވެގެންދެއެވެ.
2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރި ފަހުން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މީގެ ކުރިން، ދިވެހިރާއްޖެއިން ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ 9 ފަހަރު ކާމިޔާބު ކޮށްފައިއެވެ. ފާހަގަކޮށްލެވޭ ކަމަކީ، 2024 ވަނަ އަހަރަކީ، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާ، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024، މި އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވުމެވެ. މި ކާމިޔާބީތަކުގެ ސަބަބުން ހަޤީޤަތުގައިވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ މި ދާއިރާއިން ކުރިއަރަމުންދާ މަންޒިލެއްގެ ގޮތުގައި ތަސައްވުރު ވެގެންދާނެއެވެ. އަދި، މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަށް އޮންނަ ލޯތްބާއި އިތުބާރު ބޮޑުވެ، ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ވުމަށް ލިބޭ އިތުރު ފަހި ފުރުޞަތަކަށް ވެގެންދާނެއެވެ
މި އެވޯޑްތައް ރާއްޖެއަށް އަބަދުވެސް ލިބޭ، އަދި އެއީ ދިވެހި ރާއްޖޭގެ ފުޅާވެފައިވާ އަމިއްލަ ވިޔަފާރީގެ (ފަތުރުވެރިކަމުގެ ސިނާޔަތުގަ) ބަޔަކު ކުރަމުންދާ މިންނެތް މަސައްކަތުގެ ނަތީޖާ. މިކަންވެސް ( ފަތުރުވެރިކަމުގެ ވިޔަފާރި) ރާއްޖޭގައި ނުކުރެވުނީ ހަމަ އެކަނި ސަރުކާރަށް.
މުހިއްމު ނުކުތާއަކީ، ފަތުުރުވެރިކަމަކީ ދިވެހިންގެ ލޭނާރޭ ބުނަނީ، އެއީ ހަމަ އަސްލުގަވެސް ދިވެހިންގެ ލޭނާރުކަމަށް ވީމަ.ދިވެހި ފަތުރުވެރިކަމަކީ ރީތި ސާފު ދޮންވެލި އަތިރިމަތި، މޫދު، މޫދުގަ ވާދިރުން. މި ވަސީލަތްތައް މިދަނީ ގޮތެއްފޮތެއް ނުބަލާ ހަލާކިކޮށް ، ވިއްކަމުން. ސުވާލަކީ މި ރީތި ކަޑުތަކުގަވާ ދިރުން ނައްތާލާ، ފަރުތައް ހަލާލުކޮށް ނިމުނީމަ ދެން ހަދާނީ ކިހިނެއް ހެއްޔޭ… ވަށާޖެހޭގޮތަކަށް ތަރައްގީގެ ޕްލޭންތައް ހަދާ، ކޮންމެ ޕާޓީއެއް ވެރިކަމަށް އަޔަސް އެ ޕްލޭނާ އެއްގޮތަށް އަމަލުނުކުރާކަމަށް ވަންޏާ، މި އެވޯޑްތައް ގެއްލޭދުވަސް އަތުވެދާނެ. ވީމާ ސަރުކާރުން މިކަން ޒިންމާދާރުގޮތެއްގަ ކުރާނެކަމަށް އުންމީދުކުރަން.