ޚަބަރު

ދާއިރާގެ ވޯޓަކުން މެންބަރުން ވަކިކުރެވޭ ގޮތަށް ހަސަން ހުށަހެޅުއްވި އިސްލާހު ގެންގޮސްފި

އައިކާ ޔުނާން ، ދެން އޮންލައިން

ދާއިރާ ރައްޔިތުންގެ ވޯޓަކުން މެންބަރުކަމުން ވަކިކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ގިނަ ހާލަތްތަކެއް ބަޔާންކޮށް މަޖިލީހުގެ ގާނޫނަށް އިސްލާހު  ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު ހަސަން ލަތީފް އެވެ.

އެ މެންބަރު މި ބިލު އަނބުރާ ގެންގޮސްފައިވާކަން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވަނީ އިއުލާނުކުރައްވައިފައެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ހުށަހެޅި ބިލުގައި ބުނާ ގޮތުން ދާއިރާގެ ރައްޔިތުން މެންބަރާ މެދު ނުރުހިއްޖެ ހާލަތެއްގައި ރައްޔިތުންގެ އާންމު ވޯޓަކުން މެންބަރު މަގާމުން ވަކިކުރަން ނިންމައިފި ނަމަ ވަކިވާނެ އެވެ.

އެ ބިލުގައި މެންބަރުކަމުން ވަކިވާނެ އެހެން ހާލަތްތައް ވެސް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެފައިވާ މީހަކު، އަމިއްލަ އިސްނެގުމުން ޕާޓީއިން ވަކިވެއްޖެ ނުވަތަ، ޕާޓީ ބަދަލުކޮށްފި ހާލަތުގައި މެންބަރުކަމުން ވަކިވާނެ އެވެ.

އެއްވެސް ސިޔާސީ ޕާޓީއެއްގައި ނެތި އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ޕާޓީއަކާ ގުޅިއްޖެ ނަމަވެސް މެންބަރުކަމުން ވަކިވާނެ ކަަމަށް ބިލުގައި ބުނެ އެވެ.

އަދި ޕާޓީއެއްގެ މެންބަރަކަށް ވެފައި، ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ނުވަތަ މަޖިލީހުގެ ކޮމެޓީއެއް ގައި ވޯޓެއް ދޭ ހާލަތުގައި، ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އިންތިހާބުވި ދައުރުގެ ތެރޭގައި މެންބަރުކަމުން ވަކިކުރެވިދާނެ ކަމަށް ވެސް ބުނެ އެވެ.

މި ބިލު އަނބުރާ ގެންދިޔައިރު, އެމްޑީޕީން މިހާރު ވެސް ވަނީ މެންބަރުން ވަކި ކުރެވޭ ހާލަތްތަކެއް ބަޔާން ކުރާ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސް ކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!