ޚަބަރު

ބޭރު ސިފައިންގެ ބޫޓު ކިބައެއް ނެތް؛ ރައީސްގެ ވައުދު ފުއްދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންތަކެއް/ ފޮޓޯ: ދިޔަރެސް

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.

Ads by STELCO

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ގެނެސްފައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިންޑިއާ ސިފައިންގެ ފަހު ބެޗް ފުރާގޮތަށް އޮތީ މާދަމާއެވެ. އެކަމަކު މިއަދު އިންޑިއާގެ ފޮރިން އެކްސްޗާނަލް މިނިސްޓްރީން ބޭއްވި ޕްރެސް ބްރީފިންއެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގައުމަށް އައިސްފައިވާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

'' އަޅުގަނޑަށް ޔަގީންކޮށް ދެވޭނެ މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ އައިސްފައިވާކަން'' ޖައިސްވާލް ވިދާޅުވިއެވެ. އެކަމަކު ސިފައިންގެ އަދަދުތަކެއް ތަރުޖަމާނު ހާމައެއް ނުކުރައްވައެވެ. ނަމަވެސް ވިދާޅުވީ ސިފައިންގެ ބަދަލުގައި މަދަނީ މީހުން މިހާރު ރާއްޖެއަށް ގޮސްފައިވާ ކަމަށެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ދެ ޕްލެޓްފޯމަކުން ޖުމްލަ 51 ސިފައިން އަނބުރާ ގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލްތައް ހާމަ ކުރާނީ ހުރިހާ އެންމެން ފުރުވާލެވުމުން ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިންޑިއާގެ ތިން އުޅަނދެއް އޮޕަރޭޓްކުރެއެވެ. ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައިިރު، ޑޯނިއާ މަތިންދާބޯޓު ގެނެސްފައިވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

Ads by Allied Insurance
  1. ހެޔޮއެދޭމީހާ

    މަދަނީ މީހިނޭ ؟؟ބަލަ ރާއްޖޭގަ އެބަތިއްބޭ ތި ކިޔަވައިގެ ތިބި އެތަށް ޒުވާނުނެއް!!! އިންޑިއާ މީހުނަށް އެކަނިތަ ތި ދުއްވެނީ؟؟؟