ޚަބަރު

ހުޅުމާލޭ ދޭއްގެ ބީޗު ސައިޑުން ބިން ގަންނަން ހުޅުވާލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ހުޅުމާލޭ 2 ވަނަ ފޭސް މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ބިން، ބީލަމުގެ އުސޫލުން ވިއްކަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

Ads by Hajj Corporation

ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސައިޑުން 13 ބިމެވެ. މި ބިންތަކުގެ ތެރޭގައި 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.

ދިރިއުޅުމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް މިއަދު އިއުލާނުކުރި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައވަނީ އެ ކޯޕަރޭޝަންގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ. ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެޗްޑީސީން ބުނީ ބިން ވިއްކުން ކުރިއަށް ގެންދަނީ 2 މަރުހަލާ އަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ދިރިއުޅުމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައެޅިފައިވާ މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000.00 ރުފިޔާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!