މުޅި ރާއްޖެ ޔެލޯ އެލާޓްގައި

މިހާރު ކުރަމުންދާ ވިއްސާރާ ގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓު) އިން ޔެލޯ އެލާޓެއް ނެރެފިއެވެ.
މެޓުން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 01:00 ޖެހުމާ ހަމައަށެވެ. އެ އެލާޓް ގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.