އެމްއެމްޕީއާރްސީގެ ހިންގުން ވަގުތީ ގޮތުން ޑީއެމްޑީއާ ހަވާލުކޮށްފި

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކުރުމާ ގުޅިގެން ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އާ ހަވާލުކޮށްފި އެވެ.
ޕްރައިވައިޓަޒޭޝަން ބޯޑުން ބުނީ މިއަދުން ފެށިގެން ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ބަލަމުން ގެންދާނީ ބައްސާމްގެ ދަށުން ކަމަށެވެ.
ކުޑީ އެ މަގާމުން ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެހެންނަމަވެސް ވަކިކުރެއްވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ކުޑީ އެމްއެމްޕީއާރުސީ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ރާފިލް މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ރާފިލް އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރެވެ.
އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ތެރޭގައި މައްސަލަތަކެއް އުފެދިފައިވާ ކަމުގެ އަޑުތަކެއް ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެންނަމަވެސް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އެވާހަކަތައް ދޮގުކުރައްވައި، އެމްއެމްޕީއާރުސީއާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.