ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް، ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ބްރިޖުގައި މިއަދު ދެ އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
މި ނޫހަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެތަނުން އެއްް އެކްސިޑެންޓް ހިނގީ 17:50 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓް ހިނގީ ބްރިޖުގެ އެއާޕޯޓް ލައިޓް ކައިރިން ސައިކަލެއް ކަހާލައިގެން ވެއްޓި ކާރެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދެވަނަ އެކްސިޑެންޓްގެ ރިޕޯޓް ފުލުހަށް ލިބިފައިވަނީ 18:00 ހާއިރު އެވެ. ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރަކާއި ދެ ސައިކަލު ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔަ މީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އެކްސިޑެންޓްތައް ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.