ޚަބަރު

ފަލަސްތީނާ ގުޅުވައި ނަން ދޭންވާނީ ބޮޑު މަގަކަށް: މައުމޫން

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް - ފޮޓޯ: ދެން އިމޭޖަސް

މާލޭގެ މަގަކަށް ފަލަސްތީނާއި ގުޅުވައިގެން ނަން ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށާއި، އެގޮތަށް ނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މައުމޫން އެހެން ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ އަޅުގަނޑަށް ވަރަށް ފެންނަ ކަމެއް. އަދި އެނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމުގައި ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ،" މައުމޫން ވިދާޅުވިއެވެ.

މައުމޫން އެހެން ވިދާޅުވެފައިވަނީ، އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ފަލަސްތީނަށް އޮތް ތާއީދު ހާމަކޮށް ދިނުމަށްޓަކައި މާލޭގެ ކޮންމެވެސް މަގަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ޖަލްސާއިން ފާސްކޮށްފައިވަނިކޮށެވެ.

އެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި ނަން ނުދީ އޮތް ދެ މަގެއް އެބައޮތް ކަމަށެވެ. އެހެންވެ އެ ދެ މަގުން ކުރެ އެއް މަގަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ފަލަސްތީނުގެ ނަމާ ގުޅުވައި ނަމެއް ދިނުމާމެދު މޭޔަރުގެ ހިޔާލު ހުށަހެޅިއެވެ.

"ފަލަސްތީނަކީ އަޅުގަނޑުމެންގެ ހިތާއި ވަރަށް ގުޅިފައި ހުރި ތަނެއް'' އެކަން ހުށަހަޅަމުން އާޒިމް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރަކު ފިޔަވާ ހުރިހާ މެމްބަރުން ވަނީ މާލޭ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން ތާއީދުކޮށްފައެވެ. އެކަމަކަށް ތާއިދު ނުކުރީ މައްޗަންގޮޅި އުތުރުގެ ޕީއެންސީގެ ކައުންސިލަރު ސައީދާ ރަޝާދުއެވެ.

Ads by Ooredoo
  1. މޫސާ

    30އަހަރު ނިމުނު އިރު ކީއްވެ ނަންނުދިނީ

  2. ޅަކުނުރަސީދާ

    30 އަހަރު ވަންދެން މަސްތުވާތަކެތި ރާއްޖެއަށް.ފަތުރާފަ.ކޮން އާނގައެއް އަރުވާކަށް