ކިޔަވައިދޭ ވަގުތު މަދުކުރީ ރަނގަޅަށް ތައްޔާރުވެފައި ނެތީމަ އެކަން ފޮރުވަން: އެމްޑީޕީ
މިއަދު ފެށި ދީރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ދަންފަޅިތައް އެޑިއުކޭޝަން މިނިސްޓްރީން ކުރުކޮށްލަން ސްކޫލުތަކަށް އަންގާފައިވަނީ އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތުމުން ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ, އެމްޑީޕީން ފާޑުކިޔައިފި އެވެ.
މޫސުން ގޯސްވުމުން، އަންގާރަ ދުވަހާ ހަމަޔަށް ސްކޫލުތަކުގެ ކޮންމެ ދަންފަޅިއެއްވެސް ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދަށް ފައްތައިގެން ކުރިއަށް ގެންދަން އަންގައި އެޑިއުކޭޝަނުން ސާކިއުލާއެއް އާއްމުކޮށްފައިވެ އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުން ކަމަށެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުން ކުރަމުންދާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
އަދި އެކަމާ ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް ލިބެމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.
"އައު ދިރާސީ އަހަރެއް ފެށިގެން ދާއިރު އެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތުމުން، ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް އަޅުގަނޑުމެން ކުށްވެރިކުރަން"
އެމްޑީޕީން ބުނީ ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއް ނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅި ތަރުތީބަށްނުހަނު ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށެވެ.
''އަދި ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ''
އާ ދިރާސީ އަހަރު އެޑިއުކޭޝަނުން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތައުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް 50،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ އެމްޑީޕީން ބުންޏެވެ.