ގިރާވަރުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން ހުށަހެޅީ 2،210 ފޯމު
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅީ 2،210 ފޯމު ކަމަށް ހައުސިންގް މިނިސްޓްރީއިން ބުނެފިއެވެ.
ގިރާވަރުފަޅު އަދި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލު ކުރުމަށްފަހު ސަރުކާރުން ނިންމީ 1347 ގޯތި ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރުމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި, 1650 އަކަފޫޓުގެ 663 ގޯއްޗާއި, 2050 އަކަަފޫޓުގެ 487 ގޯއްޗާއި, 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.
ހައުސިން މިނިސްޓްރީއިން ވަނީ 1250 އަދި 1650 އަކަފޫޓުގެ އިތުރު ގޯތިތައް ގިރާވަރުފަޅަށް ބަދަލުކުރަން ނިންމައި، އެކަމަށް އިއުލާނު ކޮށްފައެވެ. އެގޮތުން، 1250 އަކަފޫޓުގެ އިތުރު ތިން ގޯތި އަދި 1650 އަކަފޫޓުގެ އިތުރު 20 ގޯތި ގުޅީފަޅަށް ބަދަލުކުރަން އިއުލާނުކުރިއެވެ.
އެ މިނިސްޓްރީއިން މިއަދު ބުނީ، އެ އިއުލާނާއި ގުޅިގެން، 1250 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހެޅީ 1093 ފޯމު ކަމަށެވެ. އަދި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް އެދި 880 ފޯމު ހުށަހަޅާފައިވާ ކަމަށާއި، 2050 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް 234 ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އޭގެ އިތުރުން، 2450 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް 3 ފޯމު ހުށަހެޅިފައިވެއެވެ.
މިނިސްޓްރީއިން ބުނީ، ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 1250 އާއި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައެޅިފައިވާ ގޯތީގެ އަދަދަށްވުރެ ގިނަކަމަށެވެ. އެހެންކަމުން ގުޅީފަޅަށް ގޯތި ބަދަލުކުރެވޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ.
އަދި މި ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ގުރުއަތުލުން ބާއްވާނެ ވަކި ތަނަކާއި ގަޑިއެއް މިނިސްޓްރީއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިތުރަށް މިނިސްޓްރީއިން ބުނީ، 2450 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ކަމުގައިވާތީ، އެފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ނޯންނާނެ ކަމަށެވެ.
ގުޅީފަޅުން ލިބޭ ގޯތި ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ގުރުއަތު ނެގުން އޮންނާނެ ތާރީހެއް ފަހުން ހާމަކުރާނެ ކަމަށް ވެސް މައުލޫމާތުދެއެވެ.