ސުޕަމެޖޯރިޓީ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: އަބްދުއްރަހީމް

ޕީއެންސީއަށް ލިބިފައި އޮތް ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަގީން ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ އަބްދުއްރަހީމް މިހެން ވިދާޅުވީ މެންބަރުން ހުވާ ކުރެއްވުމަށް ފަހު ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސުޕަމެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގާފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތަސް ނެތަސް އެގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުން އެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީއަށް ރައްޔިތުން އިތުބާރުކޮށް, ވޯޓު ދީ ބޮޑު އަގްލަބިއްޔަތެއް ދިނީ އެގޮތަށް ރައްޔިތުންނާމެދު ކަންކަން ނުކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މަޖިލީހުގެ މިހާބޮޑު އަގްލަބިއްޔަތެއް ރައްޔިތުން ދިނީ އެގޮތަށް މަސައްކަތް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތީމައޭ," އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާ ގޮތަށް ހަމަހަމަކަމާ އިންސާފުވެރިކަމާއެކީގައި ކަމަށާއި އެކަން ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ބޮޑު އަގްލަބިއްޔަތު އަޅުގަނޑުމެން ބޭނުން ކުރާނީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގެ ޔަގީންކަން އަބްދުއްރަހީމް ވަނީ ދެއްވައިފައެވެ.