ޚަބަރު

މަޖިލީސް ރައީސްކަން ލިބުމަށްފަހު އަބްދުއްރަހީމް ފުރަތަމަ ފަހަރަށް އުފަން ރަށަށް، ހަވާ އަރުވާނެ!

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމަށް ފަހު، އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ ފަހަރަށް އޭނާގެ އުފަން ރަށް ލ. ފޮނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

Ads by MWSC

ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ފޮނަދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގަ އެވެ. އަބްދުއްރަހީމް ރަށަށް ވަޑައިގެންނެވުން އެ ރަށުގައި ކުލަ ގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން ހަވީރު 4:30 ގައި ލ. ކައްދޫ އެއާޕޯޓުން ހޫނު މަރުހަބާއަކަށް ފަހު ރޭގަނޑު 8:15 ގައި ފޮނަދޫގައި ހަވާ އެރުވުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި އެއަށްފަހު ރަށުގައި ބޮޑު ކެއުމެއް ބޭއްވުމަށް ވެސް ވަނީ ރާވާފަ އެވެ.

ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަަށްފަަހު އެ ރަށުގައި މިދިޔަ އޭޕްރިލް މަހު ބޭއްވި ޖަލްސާއެއްގަައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އިޝާރާތް ކުރެއްވީ މަގާމު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ 92 މެމްބަރުންގެ ތެރެއިން 71 މެމްބަރުންގެ ތާއީދާއެކު އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ މިދިޔަ މަހުގެ 28 ގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!