ރައީސް މުއިއްޒަށް މަރުހަބާ ކިޔަން އިންޑިއާގައި ހަރުކުރި ޕޯސްޓަރަކަށް ބޮޑު ސަމާލުކަމެއް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާތީ، އެމަނިކުފާނަށް މަރުހަބާ ކިޔަން ވެރިރަށް ދިއްލީގައި ހަރުކުރި ޕޯސްޓަރަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
ރައީސް، އިންޑިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރެއް ކަށަވަރު ކުރެއްވި ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް މުއިއްޒާ އެކު ދެކުނު އޭޝިއާގެ އެހެން ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އެ ރަސްމިއްޔާތަށް އެ ގައުމުގެ ވެރިރަށް ނިއުދިއްލީ ދަނީ ތައްޔާރުކުރަމުން ނެވެ.
އެގޮތުގެ މަތިން ރައީސަށް މަރުހަބާ ކިއުމަށް އިންޑިއާގައި ހަރުކޮށްފައިވާ ޕޯސްޓަރަކަށް އެ ގައުމުގެ މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިފަ އެވެ. މޯދީ އާއި ރައީސްގެ ފޮޓޯ އާއެކު ދިއްލީގައި ހަރުކޮށްފައިވާ ބޯޑުގައި "އިންޑިއާ އަށް މަރުހަބާ" ޖަހާފައި ވެ އެވެ.
މިކަމަށް މިހާބޮޑު ސަމާލުކަމެއް ލިބިިފައިމިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިތާ މަދު ދުވަސްތަކެއްގެ ތެރޭ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކުޑައިމީސްކޮށް ޕޯސްޓުތަކެއް ކުރި ފަހުން ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާތީ އެވެ. ކުރީ ސަރުކާރުތަކާ ހިލާފަަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ބޭރަށް ރަސްމީ ޒިޔާރާތެއް ކުރެއްވީ އިންޑިއާގެ ބަދަލުގައި ޗައިނާ އަށެވެ. ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގައި ގާއިމްވެގެން ތިބި އިންޑިއާ ސިފައިން ވެސް ވަނީ އަނބުރާ އެ ގައުމަށް ފޮނުވާލާފަ އެވެ.
ދެ ގައުމުގެ ގުޅުން ހީނަރުވެފައިވަނިކޮށް، ރައީސް މުއިއްޒު އިންޑިއާއަށް ވަަޑައިގަންނަވަނީ މޯދީގެ ދައުވަތަކަށެވެ. މިކަން އެގައުމުގެ މީޑިއާތަކުން ސިފަކޮށްފައިވަނީ ގުޅުން ރަނގަޅުކުރުމަށް އިންޑިއާއިން އިސްނެގުމުގެ ގޮތުގަ އެވެ.
މިއީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވި ފަހުން އެ ގައުމަށް ޒިޔާރާތް ކުރައްވާ ފުރަތަމަ ފަހަރުވެސް މެ އެވެ.