ޚަބަރު

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ: ޝަކީލް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް (ފޮޓޯ/ދެން. އެމްވީ)

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

Ads by MWSC

އޭނާ މިގޮތަށް ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ފަގީރުންގެ ލިސްޓުގައި ނުހިމެނޭ މީހަކަށް ވެސް ޖާގަ ލިބުނު ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅުގައި، މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ،" އޭނާ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޝަކީލްގެ ޕޯސްޓުގައި މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރި މީހުންގެ އަދާހަމަ ވެސް ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

މި އަހަރުގެ ރަސްމީ 1000 ކޯޓާއިން އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެހީތެރިންގެ ގޮތުގައި ދިޔަ ހައްޖު ކޯޕަރޭޝަންގެ ތިން މުވައްޒަފުން ފިޔަވައި އެހެން ހުރިހާ ހައްޖުވެރިން މައްކާއަށް އައިސް އުމްރާގެ އަޅުކަން މިހާރު ފުރިހަމަކޮށްފަައިވާ ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރުގެ ރިޔާސީ ދައުރުގައި، ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިއަހަރު ސަރުކާރުގެ ހަރަދުގައި ފޮނުވުމަށް ނިންމީ 50 މީހުންނެވެ. އެމީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރީ އިއްޔެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!