ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅުކުރަން ދެ ގައުމު ވެރިންގެ މަސައްކަތަށް ނަޝީދުގެ މަރުހަބާ
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ދިގު މުއްދަތަކައް ދެމިހުންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާއަށް ފުރާވަޑައިގެންފައެވެ.
މި ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚާރިޖީ ސިޔާސަތު އިތުރަށް ހަރުދަނާކުރެއްވުމަށް ރައީސް މުޢިއްޒާއި ބޮޑުވަޒީރު މޯދީ ގެންގުޅުއްވާ ދުރުވިސްނުންފުޅަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
އަދި އެގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުން އަރިސްކުރާ ކަމަށާއި ދެ ގައުމުގެ ގުޅުން ދިގު މުއްދަތަކަށް ދެމިހުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މި ވަގުތު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަޝީދު ވިދާޅުވިއެވެ.
ރައީސް އަށް އެ ރަސްމިއްޔާތުގެ ދައުވަތު ރަސްމީކޮށް އަރުވާފައި ވަނީ ހޮނިހިރު ދުވަހު، އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު، މުނޫ މަހާވަރު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގެ ތެރެއިންނެވެ.
އެމަނިކުފާނު އިންޑިއާއަށް މި ވަޑައިގަތީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ހައިސިއްޔަތުން ފުރަތަމަ ފަހަރަށެވެ.