އީދާ ދިމާކޮށް ކަނޑުއުޅަނދުތައް ބަލައިފާސްކުރަނީ

އަޟްހާ އީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ގިނައަދަދެއްގެ ބަޔަކު ފުރައި އަދި އަތޮޅުތަކުން މާލެއަށް ގިނަބަޔަކު ޒިޔަރަތްކުރާނެކަމަށް ބެލެވޭތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް މެރިން ޕޮލިހުން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރެއްގައި ބުނީ، މިއަދުގެ 14:00 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ 18:00 އަށް ކުރިއަށް ގެންދާ އެ އޮޕަރޭޝަނުގައި، މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލައިފާސްކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އަތޮޅުތަކުން ލަފާފުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތުދިނުމާއި ބަލައިފާސްކުރުމުގެ ކަންކަން އަތޮޅުތަކު ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އެންމެންނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި އީދާ ގުޅިގެން މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށާއި އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތައް ގިނަވެ ކާރުބާރު ބޮޑުވާނެކަމަށް ބެލެވޭތީ އެ ދަތުރުތަކަކީ އަމާން ރައްކާތެރި ދަތުރުތަކަކަށް ހެދުމަށާއި ކަނޑުމަތީގެ ހާދިސާތައް މަދުކޮށް ރައްޔިރުންނާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.