ޚަބަރު

ދީނީ މިންގަނޑާ ހިލާފުނުވާ ގޮތަށް އީދު ހަރަކާތްތައް ހިންގަން ކައުންސިލްތަކަށް އަންގައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު

ދީނީ މިންގަނޑުތަކާ ހިލާފު ނުވާ ގޮތަށް އީދު ހަރަކާތްތައް ހިންގަން އަންގައި، ލޯކަލް ކައުންސިލްތަކަށް ލޯކަލް ގަވަނަންސް މިނިސްޓްރީން ސާކިއުލާއެއް ނެރެފި އެވެ.

Ads by STELCO

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި، ސިޓީ އަދި ރަށު ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނަނީ ދިވެހިންނަކީ އުސޫލެއްގެ ގޮތުން އިސްލާމް ދީނުގެ އެއް މަޒުހަބަކަށް ތަބާވާ މީހުން ކަމަށާއި އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކު ކަމަށެވެ.

އެހެންވެ ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ފުށު އަރާ އެއްވެސް ކަމެއް އެ ސިޓީއެއް އަދި އެ ރަށެއްގައި ހިންގާ އީދު ހަރަކާތްތަކުގައި ނުހިންގުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބުނާ ފަދަ ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް ވެސް އަންގާފައިވެ އެވެ.

އޭގެ އިތުރުން އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރަމްޒުވާ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަަމަށް މަގުފަހި ނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

އަޟްހާ އީދާ ދިމާކޮށް، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކުރިއަށް އޮތް ނުވަ ދުވަސް ހަމަޖެހިފައިވާތީ ރަށްރަށުގައި ފޯރިގަދަ އީދު ހަރަކާތްތަކެއް ރާވާފައިވެ އެވެ. އަދި އީދު ބަންދާ ދިމާކޮށް މީހުން ދިރިއުޅޭ ގިނަ ރަށްރަށުގެ ކޮޓަރިތައް ފުރިފައިވާ ކަން، ކައުންސިލްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!