ޚަބަރު

އުމުރު ދަށްކުރުމަށްވުރެ ކުށްކުރާ ކުޑަކުދިންގެ މާހައުލު ބަދަލުކުރުން މާ ރަނގަޅު: ޕީޖީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ޕީޖީ ހުސެއިން ޝަމީމް/ ފޮޓޯ: ސަން

ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަށްވުރެ ކުށްކުރާ ކުޑަކުދިންގެ މާހައުލު ބަދަލުކުރުން މާ ރަނގަޅު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކުޑަކުދިން ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަށް ދަށްކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އޭރުވެސް ޝަމީމް ވަނީ އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ކުދިންނަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންޖެހޭ ކަމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ބެހޭގޮތުން ޕީޖީގެ ބްލޮގުގައި "ކުށްކުރާ ކުޑަކުދިން – ހައްލަކީ އުމުރު ދަށްކުރުމެއް ނޫން، މާހައުލު ބަދަލުކުރުން" ގެ ނަމުގައި ޝާއިއުކުރި ލިޔުމުގައި ވިދާޅުވީ ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތަކާ ތަފާތު ކަމަށާއި ކުޑަކުދިން ކުށްކުރަނީ ކުށެއް ކުރަންވެގެނެއް ނޫން ކަމަށެވެ.

"9 އަހަރުގެ ކުއްޖަކު، ހެނދުނު ހޭލައިގެން މިއަދު ކުށެއް ކޮށްލާނަމޭ ހިތަށް އަރާނެކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ޤަބޫލުކޮށްފާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ދިވެހިރާއްޖޭގައި ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއް ހެދިފައެއް ނެތެވެ. " އެ ލިޔުމުގައު ޕީޖީ ވިދާޅުވި އެވެ.

ކުށްކުރުމާ ގާތަށް ދެވިދާނެކަމަށް ސަރުކާރަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އެބަ އުޅޭކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ އެ ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، އެއީ ގައުމީ މައްސަލައަކަށް ވެދާނެ ކަމެއް ކަމަށެވެ.

ޕީޖީ ވިދާޅުވީ ޖިނާއީ ތަހުގީގުކުރުމާއި، ދައުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އިޖްތިމާޢީ މައްސަލަތަކަށް އޮތް ހައްލެއް ނޫން ކަމަށެވެ. އެގޮތުން، ޖަލުގެ އާބާދީގެ 70 އިންސައްތަ އަށްވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންކަން ފާހަގަކުރަައްވަމުން އޭނާ ވިދާޅުވީ ޖިނާއީ ދައުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ހައްލުވާނަމަ، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނޯންނާނެ ކަމަށެވެ.

ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށްކުރުމުގެ ބަދަލުގައި އެ ކުދިންގެ މާހައުލު ބަދަަލުކުރުމަކީ ރަނގަޅުކަމެއް ކަމަށް ޕީޖީ ގަބޫލުކުރައްވަ އެވެ. ޕީޖީ ވިދާޅުވީ ރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ބެލެވެނީ، އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށެވެ.

"ވީމާ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާޙައުލު ބަދަލުކުރެވޭތޯ ބެލުމެވެ." ޕީޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކަން ކުރުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ މީހުންނަށް އެބަ އޮތް ކަމަށެވެ. އެކަމަކު، މާހައުލު ބަދަލުކުރުމުގެ ނަތީޖާ ވަގުތުން ނުފެންނާނެ ކަމަށާއި އެކަމަށްޓަކައި ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެ ކަމަށެވެ.

"މިހުރިހާ މަސައްކަތަކުން އެންމެ ކުއްޖަކާއި އެކުއްޖާގެ ޢާއިލާ އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނެވުނަސް، މިކަމަށްކުރި ޚަރަދުގެ އަގު ލިބުނީއެވެ. މާޙައުލު ބަދަލުކުރުމަށްކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ޚަރަދަށްވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއްކަމަށް އަޅުގަނޑަށް ފެނެއެވެ." އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!