ޚަބަރު

އެތައް ގޮންޖެހުމާ އެކު ވެސް ދެވުނީ ފުރިހަމަ ހިދުމަތެއް: ޝަކީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާ އެކު ވެސް ހައްޖުގެ އަޅުކަން އަދާކުރަން ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވުނު ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާއެކު ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރޭގައި ދިވެހި 1150 ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

އަދި އެ ހިދުމަތް ފޯރުކޮށްދޭ ވެރިއަކަށް ވުމުގެ ފުރުސަތު ލިބުމުގެ އިތުރުން ފަހުގެ ތާރީހެއްގައި ސައުދީއަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގު އޮޅި ގެއްލިގެން ރިޕޯޓް ކުރި 100 އަށްވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީ އާއި ހައްޖު ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހޯދައިގެން ގެނެސްފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

އަދި ‏ބޮޑު މައްސަލައެއް ކުރިމަތި ނުވެ ތަބީއީ މަރަކުން ނިޔާވި އެއްމެ ހައްޖުވެރިއެއް ފިޔަވާ އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާ ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ހިދުމަތް ފޯރުކޮށްދެވުނުކަމަށްޓަކާ الله سبحانه وتعالى އަށް ހަމްދު ކުރާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

“އަދި މި ފުރުސަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހައްޖުގެ ކަންކަން އިންތިޒާމް ކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަބަދުވެސް ދެއްވާ އެހީތެރިކަމާއި ލަފަޔާއި އިރުޝާދަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހުރިހާ ހައްޖުވެރިންނަށް މަބްރޫރް ހައްޖަކަށް އެދެން” ޝަކީލް ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ޑރ. ޝަހީމް ވިދާޅުވެފައި ވަނީ މިއަހަރުގެ ޙައްޖަކީ، އެންމެ ގިނަ ބަޔަކު ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރި ފަހަރުކަމަށާއި މިފަހަރުގެ ޙައްޖުގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ.

ޙައްޖު މިޝަންގެ އިންތިޒާމުތައް ރަނގަޅު ނަމަވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ  ކަންތައްތަކުގެ ތެރޭގައި މިނާގެ ޓެންޓުތަކުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަން މެދުވެރި ސަބަބުތައް ބަލައި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!