ޚަބަރު

މިފްކޯއިން މަސް ގަންނަން ކަނޑައަޅާފައިވާ އަގު ދެކޮޅެއް ނުޖެހޭ: ނާޒިމް

އައިކާ ޔުނާން ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަން ހަމަޖައްސާފައިވާ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށާއި އަގު މުރާޖައާ ކުރަން ޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ, މިހާރު މިފްކޯއިން މަސް ގަންނަ އަގަށް ގަނެގެން ކޮންމެ ކިލޯއަކުން އަށް ރުފިޔާގެ ގެއްލުން މިފްކޯއަށް ވަމުން އަންނަ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނީ ފައިސާ ދެވޭ އަގެއްގައި މަސް ގަނެގެން ކަމަށާއި އެ ވަރުގެ އަގަކަށް މަސްވެރިން މަސް ވިއްކައިގެން ކަމަށެވެ.

ގައުމުގެ ހާލަތު މިހުރީ މިއަދު ހުރި އަގުގައި އެ ފައިސާ ދެވޭ ގޮތަކަށް ނޫން ކަމަށާއި އެ ހާލަތަކީ ސަރުކާރަށް ވާރުތަވީ ހާލަތެއް ނަމަވެސް އެ ފައިސާ މި ސަރުކާރުން ދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ 17,000 އެއް ހާ މަސްވެރިން އުޅެއިރު, މަސައްކަތް ކުރާ އާބާދީގެ މީހުންނަށް މިވަރުގެ ބޮޑު ސަބްސިޑީއެއް ދިނުމަކީ އެހާ އިންސާފުވެރިކަމެއް ނޫން ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށެވެ.

"ކުރަންވީ ކަމަކީ 12 ރުފިޔާއަށް ވިޔަސް 15 ރުފިޔާ ވިޔަސް ދެވެން އޮތް އަގެއްގައި ދެކޮޅު ޖެހޭ އަގެއްގައި ކުރީމާ މަސްވެރިންނަށް ވެސް ލާރިކޮޅު ބަރާބަރަށް ލިބެނޭ، އެ ހަގީގަތް ގަބޫލުކޮށްގެން އެގޮތަށް މަސައްކަތް ކުރަން ވެއްޖެ،" ނާޒިމް ވިދާޅުވިއެވެ.

އަދި މި ކަމުގައި ޕާޓީތަކުން ވެސް އެ ހަގީގަތް ގަބޫލުކޮށް, އެއް މަގްސަދަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިކަމުގައި ސިޔާސީ ފައިދާ ހޯދަން މަސައްކަތް ކޮށްގެން ފަހުން އަދި މިހާރު ވެސް ފައިދާއެއް ނުވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!