އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ނޭވީ މަތިންދާ ބޯޓުގެ ބޭނުން ކެނޑިއްޖެ: އަޒާން
ރާއްޖޭގައި އޮތް އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ނޭވީ މަތިންދާ ބޯޓު މިހާރު ބޭނުން ކުރަމުން އަންނަނީ ވަރަށް މަދުން ކަމަށާއި އެ އުޅަނދުތަކުގެ ބޭނުން މިހާރު މުޅިން ކެނޑިފައިވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަދައްކަވަމުން އަޒާން ވަނީ ރާއްޖޭގައި ބޭރުގެ ޔުނީފޯމްގައި ސިފައިން ނެތްކަމުގައިވީނަމަވެސް އާދައިގެ ހެދުމުގައި ސިފައިން ތިބިކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޭރުގެ ހުރިހާ ސިފައިން ފޮނުވާލާފައިވާ ކަމަށާއި ތިން އުޅަނދާއެކު މިހާރު ރާއްޖޭގައި ހަރަކާތްތެރިވަނީ އިންޑިއާގެ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މަދަނީ މީހުން ކަމަށެވެ.
ކުރިން އުޅަނދުތައް ދުއްވަމުން އައި ވަރާ ގާތަށް ވެސް މިހާރު ނުދުއްވާ ކަމަށާއި އެ ހާލަތެއް ވެސް ނެތް ކަމަށް އަޒާން ވިދާޅުވިއެވެ.
“އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުގައި ޓެކްނިކަލީ އެމީހުން ތިން މަހުން އެއް މަހު އޮޕަރޭޓް ކުރަން ޖެހޭތީ އެ ހުއްދައެއްގެ ދަށުން އެ އޮޕަރޭޓް ކުރަނީ، އެ ނީޑެއްވެސް މިހާރު ނެތް” އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ކުރިން ހެލިކޮޕްޓަރުގައި މީހުން އުފުލަން ޖެހި ސަވައިލަންސް އޮޕަރޭޝަން ހިންގަން ޖެހުނު ނަމަވެސް މިހާރު ސަރުކާރުން އެކަމަށް ހައްލުތަކެއް ހޯދައިދީފައިވާ ކަމަށެވެ.
އެގޮތުން ޑްރޯން ރާއްޖެއަށް ގެނެސް ސަވަލިއަންސް އޮޕަރޭޝަންތައް ހިންގަން ފަށައި އެއާ އެންބިއުލޭންސް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ ބޯޓު ދުއްވަން ރާއްޖޭގައި އިންޑިއާގެ މަދަނީ މީހުން ތިބުމަކީ ވެސް އެންމެ އެދެވޭ ގޮތް ނޫން ކަމަށާއި ގިނަ ރައްޔިތުން އެކަމާ ވެސް ދެކޮޅު ކަމަށެވެ.
ނަމަވެސް ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮތުމުގެ މަގުސަދު އެއްކޮށް ގެއްލިފައި ވުމާއެކު އިންޑިއާއާައެކު ހަދާފައިވާ އެއްބަސްވުން އާ ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އަޒާން ވިދާޅުވިއެވެ.