ހިޔާނާތުގެ ވާހަކަ މާ ގަދައަށް ދައްކަނީ މައްސަލަ ނުބަލަން: މައުރޫފް
އެއްވެސް ހިޔާނާތެއްގެ ވާހަކަ މާ ގިނައިން ދައްކާނަމަ އެ މައްސަލައެއް ނުބަލާނެ ކަން ތާރީހުން އެނގެން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މިއަދު ވިދާޅުވެއްޖެއެވެ.
ފެނަކައިގެ ހިޔާނާތްތައް ބެލުމަށް ގޮވާލާ ޕީއެންސީން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ މީގެ ކުރިން ވެސް އާންމުކޮށް ކަން ހިނގާފައިވާ ގޮތަކީ އެއީ ކަމަށެވެ.
"އާންމު ގޮތެއްގައި ކޮރަޕްޝަންގެ ވާހަކަ ބަލާނެ ކަމަށް މާ ގަދަކޮށް ވާހަކަ ދައްކާ ކަމަށް ވަންޏާ އެއުޅެނީ ނުބަލަން, އެއުޅެނީ ނުބަލަން." މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އޭގެ އެއް މިސާލަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ މައްސަލަ ކަމަށާއި އެ ވާހަކަ ވެސް ދިވެހި ތާރީހުގައި ބަޔަކު ނުދައްކާ ވަރަށް ދެއްކިނަމަވެސް އެއްވެސް ނަތީޖާއެއް ހާސިލްކޮށްފައިނުވާ ކަމަށެވެ.
"ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި އެ ވާހަކަ ދެއްކި އަދަދު ނޭނގެ. ކިތަންމެ ވަރަކަށް އެ ވާހަކަ ދެއްކިޔަސް އެނގިގެން ދިޔަ ހަގީގަތަކީ އެ މައްސަލަ ނުބެލުނު. ގެއްލުނު ފައިސާތަކެއް ނުހޯދުނު." މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ފެނަކަ އަދި ކޮންމެ ކުންފުންޏަކުން ހިޔާނާތްތެރިވިނަމަވެސް އެ މައްސަލަ ބެލެން ޖެހޭނެ ކަމަށާއި ބަލަން ވެސް ޖެހޭނެ ކަމަށެވެ. އަދި އެއީ އަޑުގަދަކޮށްގެން ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
"ސުޕަމެޖޯރިޓީ އޮތީމާ ތަޅުމުގައި މި ވާހަކަތައް ދެއްކިޔަކަސް, ކޮމިޓީތަކަށް ހުށަހަޅަންވީ އޭސީސީއަށް ހުށަހަޅަންވީ މައްސަލަ ބަލަންވީ ބަލާފައި ނަތީޖާ ނެރެދޭންވީ, ހިޔާނާތްތެރިވެފައިވާނަމަ އެ ފައިސާ އަނބުރާ ހޯދަންވީ," މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ ވެސް އެއީ ކަމަށާއި އެއްވެސް ފައިސާއަކަށް ހިޔާނާތްތެރިވާން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށެވެ.