ޚަބަރު

މުސާރައިގެ ތަފާތު ކުރުންތައް ނައްތާލަން ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑު ކުރުމުގެ ވިސްނުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ އަހަރު މެއި މަހު ބައެއް ދާއިރާތަކުގެ މުވައްޒިފުންގެ މުސާރަ ބޮޑު ކުރުމާއި ގުޅިގެން މަސައްކަތުގެ ބާޒާރުގައި މިވަގުތު އޮތް ޕޭ އިންއީކުލައިޓީ ނައްތާލަން ހުރިހާ ދާއިރާއެއްގެ ފަރާތްތަކުގެ މުސާރަ ބޮޑުކޮށް, ޕީ ހާމަނައިޒް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަރުކާރުން މުސާރަތަކަށް ކުރާ ހޭދަ ބޮޑުވެފައިވަނީ ކީއްވެގެންތޯ, މިއަދުގެ ރައްޔިތުންގެ މާލިއްޔަތު ކޮމިޓީގެ  ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ, ބައެއް ދާއިރާތަކުގެ މުސާރަ މިދިޔަ އަހަރުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ. އަދި އެކަން ދެމިގެން ގޮސް, މުސާރައިގެ ގޮތުގައި ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ, ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ފުލުހުން އަދި ސިފައިންގެ މުސާރަ ބޮޑު ކުރުމާއެކު އެއީ އާބާދީގެ 46 އިންސައްތަ މީހުންގެ މުސާރަ ބޮޑުވީ ކަމަށެވެ. ނަމަވެސް ބާކީ ތިބި ފަރާތްތަކުގެ މުސާރަ, ބަޖެޓް ތަންދޭ މިންވަރަކުން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މި އިންކުއާލިޓީ ހައްލު ކުރެވޭނީ އެންމެންނަށް މުސާރަ ބޮޑުކޮށްގެން, އަޅުގަނޑުމެން ބަލާނީ ވީހާ ވެސް އަވަހަށް ބަޖެޓް ތަންދެން މިންވަރަކުން ޕޭ ހާމަނައިޒް ކުރަން." ޝަފީޤް ވިދާޅުވިއެވެ.

މި އަހަރުގެ ބަޖެޓްގެ 25 އިންސައްތަ ކަނޑައަޅާފައިވަނީ މުސާރައަށެވެ. އެއީ 12 ބިލިޔަން ރުފިޔާއެވެ. ޕޭ ހާމަނައިޒް ކުރުމަށް މި އަހަރުގެ ބަޖެޓްގައި 500 މިލިޔަން ކަނޑައަޅާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!