Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހައްޖުން އައި މީހުނަށް އައިޖީއެމްއެޗްގައި ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

ހައްޖުން އައި މީހުނަށް އައިޖީއެމްއެޗްގައި ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި
ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްގެން އައި ފުޓުބޯޅަ ލެޖެންޑު އަހުމަދު އާރިފް (ބަކާ)، އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ނިޔާވުމުގެ ސަބަބުން ބަލި ފެތުރެމުން އަންނަ ކަމަށް ބެލުމުގެ ފުރުސަތު އޮތް މި ދަނޑިވަޅުގައި އައިޖީއެމްއެޗްގައި ހައްޖަށް ދިޔަ މީހުނަށް ހާއްސަކޮށް ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ. އައިޖީއެމްއެޗުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ހައްޖުން އައި މީހުންނަށް ހާއްސަކޮށް ފްލޫ ކްލިނިކް ހުޅުވީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމުގެ 10 ވަނަ ނަންބަރުގަ އެވެ. ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް އެ ތަނުން ލިބޭނެ ކަމަށް ބުންޏެވެ. ގައިން ގަޔަށް އަރާ، ފުއްޕާމެއަށް ޖެހޭ މި ނުރައްކާތެރި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ އެއް ފިޔަވަޅުގެ ގޮތުގައި ހުޅުވި މި ފްލޫ ކްލިނިކްގެ ހިދުމަތް ދެމުން ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 ޖަހަން ދެނެވެ. ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތަނާހެނެ މި ބަލި ޖެހި ހާލު ސިރީޔަސްވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ގައުމީ ޓީމުގެ ކުރީގެ ޑިފެންސިވް މިޑްފީލްޑަރު ބަކާ ނިޔާވީ އިއްޔެގެ ވަގުތެއްގަ އެވެ. އެޗްޕީއޭން ބުނީ ބަކާއާ ގާތުން އެއްތާވި މީހުން ހޯދައި ބަލީގެ ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ގޮތުން ދޭން ޖެހޭ ބޭސް ވެސް އެއްތާވި މީހުނަށް ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

މެނިންގޯކޮކަލް ބަލީގެ އަލާމާތްތައް:

  • ބޮލުގައި ރިއްސުން
  • ކަނދުރާ ވާންވުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ވާނުވާ ނޭނގޭ ގޮތްވުން
  • ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން
  • ފިޓު ޖެހުން
  • އަލި ގަދަވުމުން އުދަގޫ ވުން
  • ވަރު ދެރަވުން
  • ނޭވާ އަވަސްވުން
ހައްޖަށް ދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާ ހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށް ފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް