ޚަބަރު

އިސްލާހީ ފިޔަވަޅުތަކާ އެކު ފިޗުގެ ރޭޓިން މަތިވެދާނެ: ސަރުކާރު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީގެ އިމާރާތް/ ފޮޓޯ: މިހާރު

ރާއްޖޭގެ މާލީ ހާލަތު ރަަނގަޅުކުރުމަށް އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރެވެން ފެށުމުން، އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗުގެ ރޭޓިން ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

Ads by STELCO

ބޭރު ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކިދާނެ ކަމަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ބީ- އިން ސީސީސީ+ އަށް ދަށްކޮށްފަ އެވެ. ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބުތަކުގެ ގޮތުގައި އެ އޭޖެންސީން ބުނީ، ދަރަނިތައް އަދާކުރުމަށާއި ޑޮލަރު އަގު ހިފެހެއްޓުމަށް އާ ސަރުކާރަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރު ރާއްޖޭގެ ފޮރިން ރިޒާވަށް ބޮޑު ބުރައެއް ކުރިމަތިވާނެ ކަމަށާއި ސޮވެރިން ދަރަންޏާއި ގެރެންޓީގެ ގޮތުގައި ރާއްޖެއިން ދައްކަން ޖެހޭ އަދަދު 2025 ގައި 557 މިލިއަން ޑޮލަރު އަރާނެ ކަމަށެވެ. އަަދި އޭގެ އަނެއް އަހަރު 1 ބިލިއަން ޑޮލަރަށް އެ އަދަދު އަރާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކޮށްގެން ދަރަނިތައް މެނޭޖް ކުރެވިއްޖެ ނަމަ، ފިޗުގެ ރޭޓިން މަތިވެދާނެ ކަން ފާހަގަކޮށްފަ އެވެ.

ދަރަނީ މެނޭޖްކޮށް، އަދާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީކަން އަރުވަން. އިގްތިސާދީ ގޮތުން ހަރުދަނާ ވިސްނުމަކާ އެކު އިސްލާހީ ފިޔަވަޅުތައް އެޅިއްޖެ ނަމަ ކުރިއަށް އޮތް ރޭޓިން ރިވިއުތަކުގައި ރާއްޖޭގެ ރޭޓިން މަތިވާނެ ކަން ޔަގީން" ފިނޭންސުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!