ޚަބަރު

ހަރަދު ކުޑަކުރަން މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މީގެ ކުރިން ބޭއްވި ފުޅަނދު ބުރެއްގެ ތެރެއިން/ ފޮޓޯ: މިހާރު

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސިޔާސަތުގެ ދަށުން، މިނިވަން ދުވަހުގެ މުނާސަބަތުގައި އެހެން އަހަރުތަކުގައި ބާއްވާ ހަރަކާތްތަކެއް ނުބޭއްވުމަށް ނިންމައިފި އެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިނިވަން ދުވަހަށް ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ދިވެހި ދައުލަތަށް ސިޔާސީ މިނިވަން ކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި 26 ވަނަ ދުވަހުގެ ހަނދާންތައް އާ ކުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށް ރައީސް މުއިއްޒު ލިޔުއްވާފައިވެ އެވެ.

"ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ އިތުރުން ވެސް އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން އަދި ބައެއް ހަރަދުތައް ނުކުރުމާއި ބައެއް ހަރަކާތްތައް ނުބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުުރުން ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!