ޚަބަރު

ފަޔާ އެންޑް ރެސްކިއުގައި އެންމެ ފަހުގެ ވަސީލަތްތައް ގާއިމްކޮށްދޭނަން: ނައިބު ރައީސް

އައިކާ ޔުނާން ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މި ސަރުކާރުގެ ތަސައްވުރުގެ ތެރެއިން ފަޔާ އެންޑް ރެސްކިއު ހިދުމަތް ފުޅާކޮށް އެންމެ ފަހުގެ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ފަޔާ ސްޓޭޝަން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގައި އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއުގެ ހިދުމަތުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން ރާއްޖެއަށް އަންނަ ބޭރުގެ ފްލައިޓްތައް އިތުރުވުމާ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީން ގިނަވުމުގައި، އެއަރޕޯޓުގެ ސަލާމަތީ ކަންކަމަށް އޮންނަ އިތުބާރު މުހިންމު ދައުރެއް އަދާކުރާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ވިދާޅުވީ ފަޔާ އެންޑް ރެސްކިޔުގެ ގާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާ، އެންމެ އިތުބާރުހުރި ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

ވީއައިއޭގައި އަލަށް ހުޅުވި ފަޔާ ސްޓޭޝަނަކީ 2،230 އަކަފޫޓުގެ ޖާގަ ތަނަވަސް ސްޓޭޝަނެކެވެ. އެއާޕޯޓުގައި އަލަށް ހެދި ކޯޑް އެފް ރަންވޭ ކައިރީގައި ގާއިމުކުރި ފަޔާ ސްޓޭޝަނުގައި ކުއްލި ހާލަތްތަކުގައި މޮނީޓާ ކުރާނެ ހާއްސަ ކޮންޓްރޯލް ރޫމަކާއި ތަމްރީނުތަކުގައި ބޭނުން ކުރާނެ ތަނަކާއި ޗޭންޖިން ރޫމާއި ފާހަނާ ހިމެނޭ ގޮތަށް އެ ތަނަށް ބޭނުންވާނެ ގިނަ ސަޕޯޓް ފެސިލިޓީތައް ވަނީ ގާއިމްކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!