ޚަބަރު

ފައިސާއަށްޓަކައި ޔުނިފޯމް ވިއްކާލުން ޓޮލަރޭޓު ނުކުރާނަން: އިހުސާން

އައިކާ ޔުނާން ، ދެން އޮންލައިން

ޔުނިފޯމް އޮފިސަރުން ފައިސާ ނަގާ އެ ފައިސާއަށްޓަކައި ޔުނިފޯމް ވިއްކާލުމަކީ ޓޮލަރޭޓު ކުރާނޭ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް މަސްތުވާތަކެތި ވިއްކާ، ކަރެކްޝަންސް އޮފިސަރުންގެ ނެޓުވޯކެއް ފުލުހުން އަތުލައިގަތް ކަން ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ, މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިހުސާން ވިދާޅުވީ ހާއްސަކޮށް ޔުނީފޯމު އެޅި މުއައްސަސާތަކުގެ އޮފިސަރުންނަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ތިބޭ ބަޔަކަށްވާއިރު ނޭދެވޭ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގެނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.

ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

މިހާތަނަށް މި ކަމުގައި ބައިވެރިވި 18 ޖަލު އޮފިސަރެއް ވަނީ އަތުލައިގެންފައެވެ. އެގެތެރޭގައި ހިމެނެނީ ޖޫނިއާ ރޭންކުތަކުގެ އޮފިސަރުންނެވެ.

އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.

އިހުސާން އިތުރަށް ވިދާޅުވީ އޮފިސަރުންގެ އެކައުންޓުތަކަށް މިލިއަނުން ފައިސާ ޖަމާވި އިރު، އެ މައުލޫމާތު މިހާތަނަށް ނުލިބި ފެއިލްވި ގޮތް ވެސް ތަހުގީގު ކުރާނެ ކަމަށެވެ.

Ads by Allied Insurance
  1. މުހައްމާ

    ފުލުހުން ނާ މިނިސްޓަރަށް ވާނުވާ ނޭގެނީ ހަގީގަތަކީ ތިއީ އޮންލައިން ގޭމް ކިރާ ގެ ދިވެހި އެޖެންޓުން ތި މީހުންގެ އެކައުންޓުގަ 5 ދުވަހުން 1 މިލިއަން ރޯލްވާނެ