ޚަބަރު

ލިސްޓު މުރާޖާ ކުރާނެ، ފްލެޓް ލިބޭނީ އޭގެ ޙައްގުވެރިންނަށް: ވަޒީރު

ރައުފާ ރަޝީދު ، ދެން އޮންލައިން
ފްލެޓްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ބައްލަވައިލެއްވުން.. ފޮޓޯ: މިހާރު

ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި ފުރަތަމަ 4000 ފްލެޓުގެ ލިސްޓު މުރާޖާ ކުރުމަށްފަހު، ފްލެޓް ލިބޭނީ އޭގެ ޙައްގުވެރިންނަށް ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހަައިދަރު ވިދާޅުވީ މިހާރު ކުރިޔަށްދަނީ ފްލެޓް މުރާޖާ ކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިމުމުން ފްލެޓް ހަވާލުކޮށް ނިންމާނެ ކަމަށެވެ. ހައިދަރު ވަނީ ހައްގުވެރިން ނޫން ބަޔަކަށް ފްލެޓްތައް ނުލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

“އިރާދަކުރެއްވިއްޔާ ފްލެޓްގެ ޙައްގުވެރިންނަށް، އަޅުގަނޑު ޔަގީންކަންދެން ތިބޭފުޅުންނަށް ޙައްގުވެރިންނަށް ނޫން ބަޔަކަށް ފްލެޓުތައް ލިބޭނެ ގޮތަކަށް އަޅުގަނޑުމެން ނުނިންމާނަން،" ވަޒީރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ވަޒީރު އިއްޔެ ވަނީ ބައްލަވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.

މި ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގައެވެ. ކޮންމެ ޓަވަރެއްގެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނާނެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ. މި މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!