މިހާރު އޮތް މާލީ ހާލަތު ކުރިމަތިވީ މި ސަރުކާރުގެ ނާގާބިލް ކަމުން: އެމްޑީޕީ
މިއަދު ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިމަތިވީ މި ސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ދަށްވަމުން ދިއުމާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ, ރާއްޖޭގެ މާލީ ހާލަތު މިއަދު އޮތް ހާލަތަށް ވައްޓާލީ އެމްޑީޕީން ކަމަށް ދެއްކުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މިއީ މި ސަރުކާރުގެ ސަރުކާރުގެ މިސްޓޭކް ތަކާއި އަދި މިދިޔަ 7 މަސްދުވަސް ތެރޭގައި އިގްތިސާދު މެނޭޖް ކުރުމާ މާލީ ކަންކަން މެނޭޖް ކުރުމުގައި ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ކަންކަން ވެއްޓިފަ އޮތް ހާލަތު ފޮރުވުމަށް އޮޅުވާލުމަށް ކުރަމުން އަންނަ ކަމެއްގެ ގޮތުގައި އަމީރު ސިފަ ކުރެއްވި އެވެ.
އަމީރު ވިދާޅުވީ އެ ކަންކަން ފޮރުވުމަށް އެމްޑީޕީ ސަރުކާރާ ގުޅުވައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ވެސް އޮތީ އެމްޑީޕީ ވެރިކަމާ ހަވާލުވި އިރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި 2020 ގައި އެޅި ފިޔަވަޅުތައް އެމްޑީޕީ ސަރުކާރުން ނެގީ ވެސް މާލީ ހާލަތު ރަނގަޅު ކުރާނެ ގޮތް އެނގިތިބެމެ ކަމަށެވެ.
"އިގްތިސޯދު މިއޮތީ ރަނގަޅު ހާލަތެއްގައި, މި ބޭފުޅުންނަށް މިއުޅެނީ މާލީ ގޮންޖެހުންތައް މެނޭޖުކުރަން ނޭނގިގެން," އަމީރު ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރުން މާލީ ހާލަތު ރަނގަޅުކުރުމުގެ ބަދަލުގައި އިންޑިއާއަށް ދައްކަން އަދި ދުވަސް އޮތް 500 މިލިއަން ރުފިޔާގެ ލޯނު ދައްކައި ބޮޑު ހަރަދުކޮށްގެން ހާލަތާ ނުގުޅޭ ގޮތަށް ޑްރޯންތައް ގަތުމަކީ މި ހާލަތަށް ވެއްޓުނު ސަބަބުތައް ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒިރު ނަރެންދްރަ މޯދީއާ ގުޅުވައި ދެއްވި ވާހަކައާ ގުޅިގެން ވެސް މި ހާލަތު އައުމަށް މެދުވެރިވި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވަނީ އެއީ ރާއްޖެއަށް ދެވުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
"47000 ޓޫރިސްްޓުން ދަށްވެއްޖެމިދިޔަ އަހަރާ އަޅާ ބަލާއިރު, ދައުލަތުގެ ޓެކްސް ރެެވެނިއު 600 މިލިއަން ގެއްލުނީ. ފަތުރުވެރިކަމުން 2.3 މިލިއަން ރުފިޔާ ގެއްލިއްޖެ," އަމީރު ވިދާޅުވި އެވެ.
"މި ކަން ކްރިއޭޓްކުރީ މި ސަރުކާރުން. ނާގާބިލް ކަމުން, ކުރަން ނޭނގިގެން,"
މި ސަރުކާރުގެ ސަބަބުން އައި ކަންކަން ކަމަށާއި ރިފޯމްތައް ގެނައުމުގެ ބަދަލުގައި އޭގެ ގެއްލުން ރައްޔިތުންނަށް ކުރަންވީ ސަބަބެއް ނެތް ކަމަށް އަމީރު ވިދާޅުވި އެވެ.