ޚަބަރު

ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ/ ޝަހީދު އާދަމް ބިލްޑިން/ ފޮޓޯ: ދެން

ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމަށްޓަކައި އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފިއެވެ.

Ads by Sosun Fihaara

އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.

ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފައެވެ. އެގޮތުން ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް ވަނީ މުޅިން އަލަށް ގާއިމްކުރެވިފައެވެ.

މީގެ އިތުރުން  ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިން ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ވަނީ ގާއިމްކޮށްފައެވެ. އަދި ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން މާލެއާއި ހުޅުމާލޭގައި ޓްރެފިކް ޕޮލިސް ވަނީ ގާއިމްކޮށްފައެވެ.

އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެކެވެ. އަދި ތަައުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިންވެސް ވަނީ އައްޔަންކޮށްފައެވެ. މީގެ އިތުރުން ފުލުހުންގެ ގަވަނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ހިދުމަތްތައް ތަރުތީބު ކުރެވިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ޚިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީވެސް މުހިންމު ދާއިރާއެއްގެ ގޮތުގައިވަނީ ހިމަނާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!