ގަވާއިދާ ހިލާފަށް އުޅޭ 1800އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 1800 އެއްހާ ބިދޭސީން އަނބުރާ ނާދެވޭ ގޮތަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ބޮއްސުންލާފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކޮންމެ ސަރުކާރުންވެސް މަސައްކަތް ކުރާހެން މި ސަރުކާރުންވެސް ދަނީ އެކަމަށް ހައްލެއް ހޯދޭނެ ގޮތްތައް ހޯދަމުންނެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބީދޭސީން ހޯދަން ތަންތަން ބަލައިފާސްކުރަން ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ އެކަނި ވެސް އެފަދަ 50 ބިދޭސީން ހޯދައި، އިމިގްރޭޝަނާ ހަވާލުކޮށްފައިވެ އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އިއްޔެގެ އޮޕަރޭޝަނަކީ މިހާތަނަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމަށް މި އަހަރު ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ. މި އޮޕަރޭޝަނުގައި ހަތަރު މާރުކޭޓެއް ބަލައި 83 ބިދޭސީއަކު ބަލައި ފާސްކޮށް ބަޔާން ނަގާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"މީގެ ތެރޭގައި ސައްހަ ވިސާ ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރާ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ހިމެނެއެވެ" އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިއްޔެ އިމިގްރޭޝަނުގެ ދަށަށް ގެނެވުނު ބިދޭސީން ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 1800 އަށް ވުރެ ގިނަ ބިދޭސީން ފުރުވާލެވިފައިވާ ކަން އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި މިފަދަ އޮަޕަރޭޝަންތައް ފުޅާކޮށް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.