ޚަބަރު

ރާއްޖެއިން ސަމޯއާ އެގްރިމެންޓްގައި ސޮއިކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެއިން މިއަދު ސޮއިކޮށްފިޮ އެވެ.

Ads by MWSC

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސް ގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބެލްޖިއަމްއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު، ގީލާ އަލީއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމުން، ރާއްޖޭގެ ގާނޫނު އަސާސީ އަށް ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން ރާއްޖެއިން ވަަނީ އެ އެއްބަސްވުމުގައި ހިމެނޭ ދީނީ މިނިވަންކަމާއި ގުޅޭ މާއްދާއަށް ޑިކްލަރޭޝަން ހުށަހަޅާފަ އެވެ. އެފަދަ މާއްދާތަކަށް ސަަރުކާރުން ހުށަހަޅާފައިވާ ޑިކްލަރޭޝަންގައި ބުނެފައިވަނީ އެ މާއްދާތަކަށް އަމަލުކުރާނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފުނުވާނެ ގޮތަކަށް ކަމަށެވެ.

މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމަށް މަޖިލީހުން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.

ސަމޯއާ އެގްރީމެންޓަކީ ރާއްޖޭން ޔޫރަޕިއަން ޔޫނިއަން އާއެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި އީޔޫއާ ދެމެދު އިގްތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އޯއޭސީޕީއެސް ގެ މެމްބަރު ގައުމުތަކަށް އީޔޫ ގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމްތައް މަގުފަހިވެގެން ދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މި އެއްބަސްވުމަކީ އޯއޭސީޕީއެސް ގެ 79 ގައުމު އަދި އީޔޫގެ 27 މެމްބަރު ގައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

Ads by Ooredoo