ލައިފްސްޓައިލް

މި ގަހުގެ އަގަކީ 84،000 ރުފިޔާ! ސިއްރަކީ ކޮބައިބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ދުވަސްވަރަކީ ގިނަ ބަޔަކު ގަސް ހެއްދުމައިގެން އުޅޭ ދުވަސްވަރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ހާއްސަކޮށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ވެސް މެއެވެ. މީހުން އަގުބޮޑުކޮށް ގަސް ގަންނަ ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ. ނަމަވެސް އަގު ބޮޑުވާން ވެސް ހައްދެއް އޮންނަންވާނެ ތާއެވެ. މީހަކު ދިވެހި ރުފިޔާގެ 84،000 ރުފިޔާއަށް ގަހެއް ގަނެފިޔޭ ބުނުމުން ދެލޯ މުދުނަށް އަަރައިގެން ނުދާނޭ މީހަކު ނުހުންނާނޭ ކަން ޔަގީނެވެ.

Ads by Sosun Fihaara

ނިއުޒިލޭންޑުގެ މީހަކު މިވަނީ އެ ގައުމުގެ 8،150 ޑޮލަރަށް ގަހެއް ގަނެފައެވެ. އެއީ 5،466 އެމެރިކާ ޑޮލަރެވެ.އަދި ދިވެހި ރުފިޔާއިން ނަމަ 84،2877.24 ރުފިޔާއެވެ.

މީހަކު އައްޑިހަ ހަތަރުހާސް ރުފިޔާ ދީގެން ގަތީ ކޮން ކަހަލަ ގަހެއްތޯ ހިތުގައި ސުވާލު އުފެދޭ ދޯއެވެ. މި ގަހުގެ ނަމަކީ "ފިލޯޑެންޑްރޮން މިނިމާ" ނުވަތަ " ވެރީގޭޓެޑް މިނިމާ" އެވެ. މި ނޫނަސް މި ގަހަށް ކިޔާ ނަންތައް ހުރެއެވެ. މި ގަހަކީ ނިއުޒިލޭންޑުގެ ސިޓީއެއް ކަމަށްވާ، އޯކްލޭންޑްގައި ދިރިއުޅޭ ގަހާ ބެހޭ އިލްމު ކިޔަވައިގެން ހުރި ގަސް ވިއްކާ މީހަކު ވިއްކި ގަހެކެވެ.  "މިނިމާ" ވިކިފައިވަނީ ގިނަ ބަޔަކު ބިޑު ކުރަމުން ދަނިކޮށް "ޓްރޭޑް މީ" ކިޔާ އޮންލައިން ވެބްސައިޓެއްގައި ކަމަށް މީޑިއާތައް ރިޕޯޓް ކުރެއެވެ.

"މިނިމާ" އަކީ ވަރަށް ނުފެންނަ ވައްތަރެއްގެ ގަހެއް ކަމަށްވެއެވެ. މި ގަހުގައި އިންނަނީ 4 ފަތެވެ. ކޮންމެ ފަތެއްގައިވެސް ރީނދޫ ކުލައިގެ ބައެއް ހިމެނިގެންވާތީ އިތުރަށް ރީތި ކަމަށް ދައްކައެވެ. އަދި ހަމަ އެހެންމެ މި ގަހަކީ ވަރަށް ލަހުން ހެދޭ ގަހެއް ކަމަށް ވެސް ވެއެވެ. އެހެންކަމުން މި ކަހަލަ ގަސް ގަންނަނީ އެކި ކަހަލަ ގަސް އެއްކުރާ މީހުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މި ގަސް ވިކުނު އޮންލައިން ސައިޓު "ޓްރޭޑް މީ"ގެ ތަރުޖަމާނެއް ބޭރުގެ މީޑިއާއެއް ކަމަށްވާ "ލެޑްބައިބަލް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ގަސް ހޯދުމަށް 1،600 އަށް ވުރެ ގިނަ މީހުން މިދިޔަ ހަތް ދުވަހުގެ ތެރޭގައި އެ ވެބްސައިޓުގައި ސާޗުކޮށްފައި ވާ ކަމަށެވެ.

މި ގަސް ގަތީ މަދުން ހުންނަ ބާވަތްތަކުގެ ގަސްތައް ގަންނަން ޝައުގުވެރިވާ މީހެއް ކަމަށްވެއެވެ. މިމީހާ ބޭނުންވަނީ އެކަހަލަ ގަސްތަކުން "ޓްރޮޕިކަލް ޕެރެޑައިސް" (ދުނިޔެމަތީ ސުވަރުގެ) އެއް ބިނާ ކުރުމަށް ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!