ޚަބަރު

އިންޑިއާ ސިފައިން ފޮނުވާލުމުގައި ރައީސް އިސްކުރެއްވީ ޑިޕްލޮމެސީ: ގައްސާން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޑިފެންސް މިނިސްޓަރު ގައްސާން: ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމުގައި ރައީސް އިސްކުރެއްވީ ޑިޕްލޮމެސީ ކަމަށް

އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމުގައި ދިވެހި ހާރިޖިއްޖާގެ އެންމެ މަތީވެރިޔާ ނުވަތަ ޗީފް ޑިޕްލޮމެޓްގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކުރެއްވީ ޑިޕްލޮމެސީ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

Ads by MWSC

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ގައްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށްފަހު، އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒު އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތްޕުޅަކީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެމަނިކުފާނު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް ރާއްޖޭގައި ގާއިމުވެގެން ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތްޕުޅު ކަމަށެވެ.

"އެމަނިކުފާނު އެންމެ ފުރަތަމަ ކުރެއްވި ކަަމަކީ ސަރުކާރުގެ ބާރު ބޭނުން ކުރައްވައިގެން، ހާލަތު ދެނެވަޑައިގަތީ. ކިތައް މީހުން، ކޮންތާކު، ކީއްކުރަން، ކޮން މަސައްކަތެއް ކުރަން ގާއިމުވެ ތިބިތޯ. މި މަސައްކަތް ކުރެއްވުމަށްފަހު، ވަރަށް ސާފު ސީދާ ދެފުށްފެންނަ ގޮތަކަށް ރައްޔިތުންނާ އެ މައުލޫމާތު އެމަނިކުފާނު ހިއްސާކުރެއްވި،" ގައްސާން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަކީ ސިފައިންގެ އެންމެ މަތީވެރިޔާގެ އިތުރުން ދިވެހި ހާރިޖިއްޖާގެ އެންމެ މަތީވެރިޔާ ނުވަތަ ޗީފް ޑިޕްލޮމެޓްކަން ފާހަގަކުރައްވާ ގައްސާން ވިދާޅުވެފައި ވަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަކީ އެ މަސައްކަތް ކުރަން ދަންނަ ވެރިން ވެރިކަމުގައި ތިބޭއިރު އެއްވެސް ބަޔަކަށް އިސްވެ ހަތުރުވެރިވާން ވިސްނަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޗީފް ޑިޕްލޮމެޓްގެ ހައިސިއްޔަތުން ރައީސް އިސްކުރެއްވީ ޑިޕްލޮމެސީ ކަމަށް ގައްސާން ފާހަގަކުރެއްވި އެވެ.

ގައްސާން ވިދާޅުވި ގޮތުގައި ރައީސް އިންޑިއާ ސަރުކާރާ އެކު ބައްދަލުކުރައްވާ އެ ގައުމުގެ ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ގާއިމުވެ ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަަމަށް ދެންނެވި ކަމުގަ އެވެ. އަދި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި ރާއްޖެ އާއެކު މަސައްކަތް ކުރަން ބޭނުންވާ ނަމަ ސިފައިން އަނބުރާ ގައުމަށް ގެންގޮސްދިނުމަށް އެދިވަޑައިގެންނެވި ކަމަށް ގައްސާން ވިދާޅުވި އެވެ.

"އިންޑިއާ ސަރުކާރުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް އިޖާބަދިން. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވި މަތިވެރި ހިކުމަތުން، މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅާ އެކު މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މި ބިމަކު ސާބިތުވެ ބޭރުގެ އެއްވެސް ސިފައިންގެ މީހެއް، އިންޑިއާ އެއްވެސް ސިފައިންގެ މީހެއް ނެތް. އެ މީހުން ވަނީ ފައިބައިގެން އެނބުރި ގޮސްފައި. މިރޭ ވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު އެކަން ކަށަވަރުކޮށްދެން،" ގައްސާން ވިދާޅުވި އެވެ.

ގައްސާން ވަނީ ދިވެހި ގައުމަށް ޓަކައި އިހުލާސްތެރިކަމާއި ހިކުމަތްތެރިކަމާ އެކު ދިވެހިން އެއްވެސް ނުރައްކަލަކަށް ވައްޓައިނުލާ ރައީސް ކުރެއްވި އެ މަސައްކަތްޕުޅަށް ޝުކުރު ދަންނަވާފަ އެވެ. ސިފައިން ފޮނުވާލެއްވުމަށް ފަހު ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ ހިމާޔަތުގައި ދިވެހި ގައުމީ ސިފައިންގެ ގާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތްޕުޅު ރައީސް ފެއްޓެވި ކަމަށް ގައްސާން ވިދާޅުވި އެވެ. ގައްސާންގެ ވާހަކައިގައި ވަނީ އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!