ޚަބަރު

ޒުވާން އާބާދީގެ 19 އިންސައްތަ އެއްވެސް މަސައްކަތެއް ނުކުރޭ

އަލީ ސަމާޙް ، ދެން އޮންލައިން
2022 ވަނަ އަހަރު ބޭއްވި ޔޫތް ޕާލަމެންޓް ޕްރޮގްރާމްގެ ތެރެއިން

ރާއްޖޭގެ ޒުވާނުންގެ އާބާދީ (24-15) އަހަރާ ދެމެދުގެ ތެރެއިން 19 އިންސައްތަ އަކީ އެއްވެސް މަސައްކަތެއްނުކުރާ މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by Hajj Corporation

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅުވައި ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކް (އެމްބީއެސް) އިން ވަނީ މި އަހަރުގެ ރާއްޖޭގެ އާބާދީގެ ތަފާސް ހިސާބުތައް ހިއްސާކޮށްފަ އެވެ.

އެ އިދާރާއިން ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އުމުރުން 24-15 އަހަރާ ދެމެދުގެ ޒުވާނުންގެ ޖުމްލަ އާބާދީ އަކީ 53،537 އެވެ. އެއީ 25،912 ފިރިހެނުންނާ 27،625 އަންހެނުންނެވެ. މީގެ ތެރެއިން 26،006 މީހުން މާލޭގައި އުޅޭއިރު ރަށްރަށުގައި އުޅޭ އާބާދީގެ އަދަދަކީ 27،531 އެވެ.

މި ޒުވާނުންގެ ތެރެއިން ވަޒީފާ އަދާނުކުރާ މީހުންގެ އަދަދަކީ 10،416 އެވެ. އެއީ 5،672 ފިރިހެނުންނާ 4،744 އަންހެނުންނެވެ.

"މީގެ ތެރެއިން ކޮންމެ 5 ޒުވާނުންގެ ތެރެއިން 1 ޒުވާނަކީ އެއްވެސް ވަޒީފާ އެއް ނުވަތަ އެއްވެސް ވަރަކަށް ކިޔެވުމުގައި ނޫޅޭ މީހުން" ތަފާސް ހިސާބުތަކުގައި ބުންޏެވެ.

އެ ރިޕޯޓު ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ (ބިދޭސީންވެސް ހިމެނޭ ހެން) އާބާދީ އަކީ 515،312 އެވެ. ދިވެހިންގެ އާބާދީ އަކީ 382،639 އެވެ. ބިދޭސީންގެ އާބާދީ އަކީ 132،493 އެވެ.

މުޅި އާބާދީ (ބިދޭސީންވެސް ހިމެނޭހެން) ތެރެއިން 311،994 މީހުންނަކީ ފިރިހެނުންނެވެ. އެއީ އާބާދީގެ 61 އިންސައްތަ އެވެ. އަންހެނުންގެ އާބާދީ އަކީ 203،138 އެވެ. އާބާދީގައި އަންހެނުންގެ ހިއްސާ އަކީ 39 އިންސައްތަ އެވެ. މީގެ ތެރެއިން 41 އިންސައްތަ މީހުން ދިރިއުޅެނީ މާލޭގަ އެވެ. މާލޭގައި އުޅޭ މީހުންގެ އަދަދަކީ 211،908 އެވެ.

ރިޕޯޓުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީ ދަނީ މުސްކުޅިވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!