ޚަބަރު

ތިނަދޫ ކައުންސިލަށް ބިމު ކުލިން 2.4 މިލިއަން ނުލިބޭ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ގދ. ތިނަދޫ/ ފޮޓޯ: ތިނަދޫ ކައުންސިލު

ގދ. ތިނަދޫ ކައުންސިލުގެ ބެލުމުގެ ދަށުން އެ ރަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ކައުންސިލަށް ހޯދިފައިނުވާ ކަން އޮޑިޓް ރިޕޯޓުން ދައްކައިފި އެެވެ.

Ads by Sosun Fihaara

އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތީ ގައި އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނާގޮތުން އެ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުގެ ސައްހަކަން ކަށަވަރެއް ނުވެ އެވެ. އަދި ކުލީ ބިންތަކުގެ ދަފްތަރުގައިި ކުލި ލިބޭ ހުރިހާ ބިންތަކުގެ މައުލޫމާތާއި ކުލި ލިބެމުންދާ ގޮތް އަދާހަމަކޮށްފައެއް ވެސް ނުވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބިމު ކުލީގެ ގޮތުގައި އެ ކައުންސިލަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭއިރު، އެ ފައިސާ ހޯދުމުގެ ގޮތުން ކައުންސިލްގެ އިދާރާއިން ބައެއް ފަރާތްތަކަށް ސިޓީ ފޮނުވުމުގެ އިތުރުން އިތުރު މަސައްކަތެއް ކޮށްފައިވާކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށެވެ.

ތިނަދޫ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އޮޑިޓް އޮފީހުން ސާމްޕަލްއެއްގެ ގޮތުގައި ނެގި 12 ބިމުން އެކަނިވެސް 31 ޑިސެމްބަރު 2022 ގެ ނިޔަލަށް ބިމު ކުލީގެ ގޮތުގައި 2،499،640ރ ލިބެން ޖެހެ އެވެ.

މާލިއްޔަތު ގަވާއިދު ބުނާގޮތުން، ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ހިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި ހޯދަން ޖެހެ އެވެ.

މި މައްސަލަ ފާހަގަކޮށް އޮޑިޓް އޮފީހުން ވަނީ، ކައުންސިިލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާގެ ތަފްސީލު ތައްުޔާރުކޮށް ބެލެހެއްޓުމަށް ލަފާދީފަ އެވެ. އަދި ސައްހަ މައުލޫމާތު ހިމަނައިގެން މާލީ ބަޔާން ހެދުމުގެ އިތުރުން ނުލިބި ހުރި ފައިސާ ގަވާއިދުގެ ތެރެއިން ހޯދުމަށް ވެސް ލަފާދީފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!