ސިޔާސީ ތިން ޕާޓީއެއް ބައިލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި

އޮޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާތީ ސިޔާސީ ތިން ޕާޓީއެއް 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
އެ ތިން ޕާޓީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފެއްދެވީ މޯލްޑިވްސް ނޭޝަނަލް ޕާޓި (އެމްއެންޕީ)ގެ އިތުރުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ.
އީސީން ބުނީ އެ ތިން ޕާޓީ ޖޫރިމަނާކުރަން ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގެ 44 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ގާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާނަމަ، ނުވަތަ ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ، 20,000 (ވިހި ހާސް) ރުފިޔާއާއި 50,000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު އީސީއަށް ލިބިގެންވެ އެވެ.