ޚަބަރު

އެޗްއާރުސީއެމަށް ހަބީބު އައްޔަނުކުރަން މަޖިލީހަށް ފޮނުވައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އީލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ: އީސީ

ހުސްވެފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

Ads by Sosun Fihaara

އެޗްއާރުސީއެމްއަށް އައްޔަނުކުރަން ހަބީބްގެ ނަން މަޖިލީހަށް ފޮނުއްވެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސްގެ ސިޓީ، މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު ވަނީ ތަޅުމުގައި އިއްވާފަ އެވެ.

ރައީސް ވަނީ އެޗްއާރުސީއެމްގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންގެ ނަން ވެސް މަޖިލީހަށް ފޮނުއްވާފަ އެވެ. ރައީސްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ހަބީބްގެ ނަމެވެ.

އީސީގެ މެމްބަަރުކަމުން ހަބީބް ވަކިވެވަޑައިގެންނެވީ އެ ކޮމިޝަންގައި ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު އެވެ. މެމްބަރެއްގެ ގޮތުގައި އަދި މުވައްޒަފެއްގެ ގޮތުގައި ހަބީބް، އީސީގައި 21 އަހަރު މަސައްކަތްކޮށްފައިވެ އެވެ.

ހަބީބް އެޗްއާރުސީއެމްއަށް އައްޔަނުކުރުމުގެ މައްސަލަ ވަނީ މަޖިލީހުގެ ހިިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ.

އެޗްއާރްސީއެމްގެ މެންބަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރިން އެ މަގާމުގައި ހުންނެވި ޑރ އަހުމަދު އަދުހަމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!