ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެކޯޓަށް މާދަމަ 1 ޖަހާއިރަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެ ހާދިސާ ގައި ފުލުހުން އަމަލުކުރިގޮތާއި މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
"އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ވާހަކަ ދަންނަވަން" ޝިފާން ވިދާޅުވި އެވެ.
ފުލުހުން ބެލުމުގެ ދަށަށް މީހަކު ގެންދަން އުޅުމުގެ ތެރޭގައި އަނިޔާވި މައްސަލައެއް ބަަލަން ފަށާފައިވާއިރު، ޑްރަގު މައްސަލައެއްގައި ފުވައްމުލަކުން މީހަކު ހައްޔަރުކުރަން "އަނިޔާވެރި" ގޮތަކަށް ދެ ފުުލުހަކު އަމަލުކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.