ޚަބަރު

ކްރޮސް ސަބްސިޑީ އުސޫލުން ދޭ ރަށުގެ ކުލި، 10 މިލިޔަނަށް ވުރެ ބޮޑު ނަމަ، ބަހާލައިގެން ދެއްކޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރިސޯޓެއް ހަދަން ހަވާލުކުރި ރަށެއް

ކްރޮސް ސަބްސިޑީގެ ދަށުން ކުއްޔަށް ހިފާ ރަށް، ފަޅު ނުވަތަ ބިމު ކުލި 10 މިލިއަން ޑޮލަރަށް ވުރެ ބޮޑުނަމަ، އޭގެ ދެ ބައިކުޅަ އެއްބައި ދެއްކުމަށްފަހު ވެސް އެއްބަސްވުމުގައި ސޮއިކުރެވޭ ގޮތަށް ކްރޮސް ސަބްސިޑީގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދަށް ދެވަނަ އިސްލާހު ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

އެ ގަވާއިދުން އިސްލާހުކުރި އެއް މާއްދާއަކީ ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް، ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމާ ބެހޭ މާއްދާގެ ބ ގެ 1 ވަނަ ނަމްބަރެވެ. އެ އިސްލާހަކީ ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަޝްރޫއުއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދު ދެއްކުމުގެ ކުރިން، އެއްބަސްވުމުގައި ސޮއިކުރެވޭނެ ޝަރުތުތަކަށް ގެނައި ބަދަލެކެވެ.

އެގޮތުން، ކުރިން އެ ގަވާއިދުގައި ބުނާގޮތުން މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން މަދުވެގެން 1 (އެކެއް) މިލިއަން ޑޮލަރު ދައުލަތަށް ދައްކާފައިވާނަމަ، އެއްބަސްވުމުގައި ސޮއިކުރެވޭނެ އެވެ. އެކަމަކު އިއްޔެ ގެނައި އިސްލާހާ އެކު އެ ރަށަކަށް، ނުވަތަ ފަޅަކަށް ނުވަތަ ބިމު ކުލީގެ ޖުމްލަ އަދަދު 10 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑުވާނަމަ، އެ އަދަދުގެ 50 އިންސައްތަ ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެއްކުމާ އެކު، ބާކީ ދައްކަން ޖެހޭ ފައިސާ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ބަހާލައިގެން ދައްކާ ގޮތަށް ވެސް އެއްބަސްވުމުގައި ސޮއިިކުރެވެ އެވެ.

މީގެ އިތުރުން، ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ނުވަތަ އެފަދަ މަޝްރޫއުއަކަށް ހަރަދުކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަތުމާއި އެފަދަ ޕްރޮޕޯޒަލްތަކާ މެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ އުސޫލެއް ވެސް މި އިސްލާހާ އެކު ވަނީ އާއްމުކޮށްފަ އެވެ. އެއީ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުުމާއި އެދަދަ ޕްރޮޕޯޒަލްތަކާ މެެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!